މަދީނާގައިވާ ކީރިތި ރަސޫލާގެ މިސްކިތްކޮޅުގެ މަތިވެރި ބިންކޮޅު ރައުޟާ އަށް ވަނުމަށްޓަކައި މީގެ ފަހުން ބާކޯޑް ސްކޭން ކުރަން ޖެހޭ ގޮތަށް ސައުދީ އަރަބިއާގެ ކަމާބެހޭ ފަރާތްތަކުން ހަމަޖައްސައިފި އެވެ.

ސައުދީގެ ރަސްމީ ނޫސްތަކުން އިއްޔެ ބުނިގޮތުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް މި ބަދަލުތައް ގެނައީ ރައުޟާ އަށް ޒިޔާރަތްކުރުމުގައި މިހާރަށް ވުރެ މާ ބޮޑަށް އިންތިޒާމްކޮށް އެކަން ކުރުމަށްޓަކަ އެވެ.

ނަބަވީ މިސްކިތުގެ އެޖެންސީން ބުނީ ރައުޟާ އަށް ވަނުމަށްޓަކައި، ނުސޫކް އެޕް މެދުވެރިކޮށް ދުރާލާ ރިޒަވޭޝަނެއް ހަދަންޖެހޭނެ ކަމަށެވެ. އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމެންޓެއް ހެދުމަށް ފަހު ކޮމްފާމްވި ކަމުގެ މެސެޖެއް ލިބޭނެ އެވެ. ރައުޟާ އަށް ޒިޔާރަތްކުރުމުގެ 24 ގަޑިއިރު ކުރިން ކޮންފަމޭޝަނެއް ލިބޭނެ އެވެ. ކޮންމެ މީހަކަށް ވެސް ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ބާކޯޑް ރީޑެއް ނުކުރާނެ އެވެ.

ކީރިތި ރަސޫލާގެ މިސްކިތަށް ޒިޔާރަތް ކުރުމަށް ފަހު، ގައިޑެންސް ސްކްރީންތަކާއި ތަމްރީންދީފައިވާ ސްޓާފުންގެ އެހީގައި ރައުޟާ އަށް ވަނުމުގެ އެކި މަރުހަލާތަކުގެ އިރުޝާދުތައް ދެމުން ގެންދާނެ އެވެ. އަދި ރައުޟާ އަލް ޝަރީފަށް ވަނުމަށްޓަކައި އޮޓޮމޭޓެޑް ގޭޓްތަކުން އެތެރެވެވޭނީ ބާކޯޑް ސްކޭން ކުރުމަށް ފަހު އެވެ.

ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން މިދިޔަ މަހު އިއުލާންކޮށްފައިވާ ގޮތުގައި ކޮންމެ މީހަކަށް ވެސް ރައުޟާ އަށް މީގެ ފަހުން ވަދެވޭނީ އަހަރަކު އެއްފަހަރު އެވެ.

މައްކާގެ މާތްވެގެންވާ ހަރަމްފުޅުގައި އުމްރާގެ އަޅުކަންއަދާކުރުމަށް ފަހު އެތައް މުސްލިމުންނެއް މަދީނާގެ މަސްޖިދުއް ނަބަވީ އަށް ޒިޔާރަތް ކުރެ އެވެ. އަދި މި ޒިޔާރަތުގައި އެންމެ އިސްކަން ދޭ ކަމަކީ ރައުޟާ އަށް ވަނުމެވެ.

ކީރިތި ރަސޫލާގެ މިސްކިތްކޮޅު ނުވަތަ މަސްޖިދުއް ނަބަވީގެ މިމްބަރުކޮޅާއި އައިޝަތުގެފާނުގެ ގަނޑުވަރުކޮޅާއި ދެމެދުގައިވާ މާތް ބިންކޮޅު ނުވަތަ ރައުޟާ އަކީ ސުވަރުގޭގެ ބަގީޗާއެއް ކަމަށް ހަދީސްތަކުން ސާބިތުވެ އެވެ. އެހެންވެ ކޮންމެ އަހަރަކު ވެސް އެތައް މިލިއަން މުސްލިމުންނެއް ރައުޟާ އަށް ޒިޔާރަތް ކުރެ އެވެ.