ދަރިއަކު ހޯދަން މަސައްކަތްކުރާ ދެމަފިރިން ނަމަ އެ ދެމީހުން ވެސް ދިރިއުޅުމުގެ އާދަތަކަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހެ އެވެ. އެ ބަދަލުތަކަކީ އަންހެނާ މާބަނޑުވެ އިންނަން ފަސޭހަކޮށްދޭ އާދަތަކެކެވެ.

އެގޮތުން ރޭގަނޑު އަވަހަށް ނިދާ ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ ރަނގަޅުވެ، އޭނާގެ ފަރާތުން ދަރިން ލިބުމުގެ ފުރުސަތު އިތުރު ކޮށްދޭ ކަމަށް ސައިންސްވެރިންގެ ދިރާސާއަކުން ވަނީ ދައްކާފަ އެވެ.

ޑެންމާކުގެ އާހުސް ޔުނިވާސިޓީގެ ސައިންސްވެރިންތަކެއް 2017 ވަނަ އަހަރުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއަށް އެ ދިރާސާގައި އުމުރުން 34 އަހަރުން މަތީގެ 104 ފިރިހެނުންގެ ނިދުމާއި އެމީހުންގެ ދަރިފަނީގެ ސާމްޕަލް އެނަލިސިސްއާ އަޅާ ކިޔާފައިވެ އެވެ.

ދިރާސާގެ ނަތީޖާ ދައްކާގޮތުގައި، ރޭގަނޑު 11:30 ނުވަތަ އޭގެ ވެސް ލަހުން ނިދާ ފިރިހެނުންނަށް ވުރެ ރޭގަނޑު 10:30 ގެ ކުރިން ނިދާ ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ ހަތަރު ގުނަ ރަނގަޅެވެ. އަދި ރޭގަނޑުގެ އަށް ގަޑިއިރުގެ ނިދި ލިބޭ ފިރިހެނުންނަށް ވުރެ ދުވާލަކު ހަތް ގަޑިއިރަށްވުރެ މަދުން ނިދި ލިބޭ ފިރިހެނުންގެ ދަރިފަނީގެ ސިއްހަތު ހަގުނަ ނިކަމެތި ކަމަށް ވެސް އެ ދިރާސާއިން ދައްކާފައިވެ އެވެ.

މާހިރުން ގަބޫލުކުރާ ގޮތުގައި، މީގެ ސަބަބަކީ ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން އިންސާނުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޭގެ ނޭދެވޭ އަސަރުތަކެއް ކޮށް ދުޅަހެޔޮ ދަރިފަނިތަކަށް ހަމަލާދޭތީ އެވެ.

ރަނގަޅަށް ނިދި ނުލިބުމުން ފިރިހެނުންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ސްޓްރެސްއާ ކުރިމަތިވެ، އެކަމުގެ ސަބަބުން ވެސް ދަރިން ލިބުމުގެ ފުރުސަތު ކުޑަ ކޮށްދޭ ކަމަށް ސައިންސްވެރިން ބުނެ އެވެ.

އެހެންކަމުން ކުއްޖަކު ހޯދަން މަސަައްކަތްކުރާ ދެމަފިރިން ރޭގަނޑު ނިދާ ގަޑީގައި ފޯނާ ކުޅުމާއި އެނޫންވެސް ނިދި މަދުވާ ކަންކަމާ ދުރުވުމަށް މާހިރުން ލަފާ ދެއްވަ އެވެ.