ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ހުއްޓިފައި އޮތްކަން ރައީސް މުހައްމަދު މުއިއްޒަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަނދާކޮށްދެއްވައިފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލް، ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޝަރިއަތް ލަސްވުމަކީ އެމަނިކުފާނަށް ކުރެވޭ އަނިޔާއެއް ކަމަށެވެ.

"މި މުހިއްމު ދުވަހުގައި ރައީސް މުއިއްޒަށް ހަނދާންކޮށްދޭން ބޭނުންވަނީ އެމަނިކުފާނުގެ ޝަރީޢަތް ހުއްޓިފައި އޮތްކަން. އިލްތިމާސަކީ ރ. ޔާމީން މިނިވަންކޮށްދެއްވުން. މަނިކުފާނަށް اللهގެ ރަޙްމަތުން އެކަން ކުރެވެން މިއަދު އެބައޮތް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޖަމީލު އެކްސްގައި ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް މުއިއްޒު އިއްވި ރިޔާސީ ބަޔާނަކީ މިހާތަނަށް ވެރިޔަކު އިއްވި އެންމެ ދޯހަޅި ބަޔާން ކަމަށެވެ.

ރައީސް މުއިއްޒު ރިޔާސީ ބަޔާނުގައި ދައްކަވަން ނުޖެހޭ އެތައް ވާހަކަތަކެއް ތަކުރާރުކޮށް ދެއްކެވި ކަމަށް ވެސް ޑރ.ޖަމީލް ވަނީ ވިދާޅުވެ، ފާޑުކިޔުން އަމާޒުކުރައްވާފަ އެވެ.

ޖަމީލު މިފަދައިން ވިދާޅުވިއިރު މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ރައީސްކަމުގެ މަގާމުގެ ހުވާ އެ މަނިކުފާނު ކުރެއްވި ދުވަހުން ފެށިގެން ޝަރުއީ ދާއިރާ ހިނގަމުން އަންނަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.

"ގައުމަށް ހަމަޖެހުން އަންނަން ޖެހޭ. އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާ އެއްގޮތަށް އަޅުގަނޑުގެ ބަހާއި އަމަލު ސީދާ ކުރާނަން. ނަމަވެސް ގާނޫނުގެ ވެރިކަން ކަށަވަރު ކުރާނަން. އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.