ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން، ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި އޮތީ އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް، އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ކަމަށްވާތީ، އެ ދުވަސްވަރު އިންތިހާބު ނުބޭއްވުމަށް ސިޔާސީ ބައެއް ބޮޑެތި ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ.

ރޯދައިގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ދިރާސާ ކުރަން އިއްޔެ މަޖިލިހުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހަކާ ދިމާވާނަމަ، އެ އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ ނިމޭތާ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައި ބުނެފައިވާ އިރު، ވޯޓު ކަރުދާހުގައި ކެންޑިޑޭޓާ ދިމާލުގައި ސައްހަ ފާހަގައެއް ޖަހާފައިވާ ނަމަ، އެއީ ރަނގަޅު ވޯޓެއްގެ ގޮތުގައި ބެލުމަށް ވެސް ހުށަހަޅާފައިވެ އެވެ.

އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނު ނުވަތަ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލު ކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ރޯދަ މަހު އިންތިހާބު ނުބޭއްވުމަށްޓަކައި ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަދަލު ގެނެސް، އިލެކްޝަން ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަން ވާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފަ އެވެ. ކޮމިޓީން ރިޕޯޓު ފާސް ކުރި ނަމަވެސް އެކަމާ މެދުގައި މަޖިލިހުގެ ތަޅުމުން ގޮތެއް ނިންމަން ޖެހެ އެވެ.