މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ތ. އަތޮޅަށް ގިނަ ރިސޯޓުތަކެއް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް "ރައީސްގެ ޖަވާބު" ނަމުގައި ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ތ. ވޭމަންޑޫ ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން އިސްކަން ދޭ ކަންކަމުގެ ތެރޭގައި ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންނަށް އާމްދަނީ ލިބޭނެ ގޮތްތައް ހޯދައި ދިނުން ހިމެނޭ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ، ޓޫރިޒަމް މިނިސްޓްރީން އެކަން ފަހި ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މި މަސައްކަތް ކުރަނީ އިރާދަކުރެއްވިއްޔާ މި އަތޮޅަށް ގިނަ ރިސޯޓުތަކެއް މި ދައުރުގެ ތެރޭގައި ހަމަ ގެންނާނަން. ވަރަށް ޔަގީންކަން ދެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަން ކުރުމަށް އެއާޕޯޓުތަކެއް ވެސް އިތުރު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ތ. ގުރައިދޫ އާއި ތ. ވިލުފުށީގައި އެއާޕޯޓެއް ހެދިގެންދާނެ ކަމުގައި ވިދާޅުވި އެވެ. އެއާއެކީގައި ތިން އެއާޕޯޓު އައުމުން ކަނެކްޓިވިޓީ އިތުރުވެގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ތިން ވަނަ އެއާޕޯޓަކީ މިހާރު ވެސް އޮޕަރޭޓް ކުރަމުން އަންނަ ތިމަރަފުށީ އެއާޕޯޓެވެ.
ރައީސް ވިދާޅުވީ އިގްތިސާދީ ގޮތުން ރާއްޖެ އަށް ގެންނަ ބަދަލުގެ ސަބަބުން ރާއްޖެ އަށް އިންވެސްޓަރުން އަންނަ މިންވަރު އިތުރުވެގެން ދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުން މަސައްކަތް ކުރަނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) ވަރަށް އަވަހަށް ފުޅާކޮށް ތަރައްގީ ކުރުމަށެވެ. އޭރުން ވެސް ރާއްޖެ އަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވެގެން ދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޒުވާނުން ރަށުގައި ތިބެ ކައިރި ރިސޯޓްތަކުން ވަޒީފާ އަދާކޮށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށް ދެއްވާނެ ކަމަށެވެ. އަދި ރިސޯޓްތަކުގައި ވަޒީފާ އަދާކުރަމުންދާއިރު ކައިރި ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން ރަށަށް ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.