ސަލްމާން ޚާންއާއި އައިޝްވާރްޔާ ރާއީގެ ލޯބީގެ ވާހަކައަކީ ދެހާހުގެ ކުރީކޮޅުގައި ބޮލީވުޑްގެ އެންމެ މަޝްހޫރުވި ވާހަކަ އެކެވެ. އެ ގުޅުން ހިތި ގޮތަކަށް ނިމުނުއިރު އަދި އަދަށް ދާން ދެންވެސް ދެތަރިން ސުލްހަވެފައެއް ނުވެ އެވެ.

ސަލްމާންއާއި އައިޝްވާރްޔާގެ ގުޅުން ނިމުމަކަށް އައީ އަނގަބަހުންނާއި ޖިސްމާނީ ގޮތުން ސަލްމާން އައިޝްވާރްޔާއަށް ދެމުންދިޔަ އަނިޔާތަކުގެ ސަބަބުން ކަމަށް ބުނެވެ އެވެ.

އެގޮތުން އައިޝްވާރްޔާއާއި އޭނާގެ މުޅި އާއިލާ މަރާލާނެ ކަމަށް ސަލްމާން އިންޒާރުދޭ ފޯނުކޯލެއް އެ ދުވަސްވަރު ލީކުވެފައިވެ އެވެ. ނޫސްތަކާއި ޓީވީތަކުގެ ބޮޑު ސުރުހީއަށް އައި އެ ފޯނުކޯލުގައި ސަލްމާން އައިޝްވާރްޔާއާ ވާހަކަ ދައްކާފައިވަނީ ވަރަށް ހުތުރު ކޮށެވެ.

2001 ވަނަ އަހަރުގެ އޮގަސްޓް މަހު ލީކުވި އެ ކޯލުގައި ސަލްމާން އެދެމުން ދިޔައީ އިންޑިއާގެ އަންޑަގްރައުންޑް ޑޮންއެއް ކަމަށްވާ އަބޫ ސަލެމް ބާއްވާ ޝޯއެއްގައި އައިޝްވާރްޔާ ބައިވެރިވުމަށެވެ.

އެހެން ނަމަވެސް އައިޝްވާރްޔާ އެ އެދުމަށް ދެކޮޅު ހަދައި ސަލްމާންގެ ފޯނުކޯލުތައް ރެކޯޑު ކުރެވޭ ކަމަށް ބުނުމުން ސަލްމާން ރުޅިގަދަވެ އައިޝްވާރްޔާއަށާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރު ދިނީ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ފޯނު ކުރިއިރު ސަލްމާން ހުރީ މަސްތުވާތަކެތި ބޭނުންކޮށް ނުވަތަ ރާ ބޮއެގެންނެވެ. އޭނާގެ ރުޅި ކޮންޓްރޯލުން ނެއްޓުނީ އެހެންވެ ކަމަށް ބުނެވެ އެވެ.

ސަލްމާންއާއި އައިޝްވާރްޔާ ވަނީ 2001 ވަނަ އަހަރު ނުކުތް "ހަމް ދިލް ދޭ ޗުކެ ސަނަމް"އިން އެކުގައި ފެނިފަ އެވެ. އޭގެ ފަހުން 22 އަހަރު ވެފައިވާއިރު އެދެތަރިން އެކުގައި މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ދެމީހުންގެ ގުޅުމަށްފަހު 2007 ވަނަ އަހަރު އައިޝްވާރްޔާ އަބީޝޭކް ބައްޗަންއާ ކައިވެނި ކުރި ނަމަވެސް މިއަދާ ޖެހެންދެން ވެސް ސަލްމާން އެއްވެސް ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ.