ސަރުކާރުތައް ބަދަލުވުމާއެކު އެއާ އެއްވަރަށް ކޯޓުތަކުގެ ފަނޑިޔާރުން ވެސް ބަދަލުވާ މަންޒަރު ފެންނަ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހުސް ގޮނޑިތަކެއް ހިމަަނައިގެން މެމްބަރުން ގުނަން ޖެހުމަކީ ބުއްދި ހަމަޖެހޭ ކަމަށް ނޫން ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ އަމުރަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މައްސަލަ ހިމެނޭހެން، މަޖިލީހުގެ މެމްބަރުން ގުނުމުގައި އަމަލު ކުރާ ގަވައިދަށް މަޖިލީހުން ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަަހެޅުމުން އެ ގަވައިދަށް އަމަލު ކުރުން މަޑުޖައްސާލުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަގުތީ އަމުރެއް ވަނީ ނެރެފަ އެވެ.

ނަމަވެސް މަޖިލީހުގެ ނިންމުންތަކަށް އިތުރު އެއްވެސް ބަޔަކަށް ބަސް ނުބުނެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު ރިޔާސަތުގައި ހުންނެވި މުހައްމަދު އަސްލަމް ހުށަހެޅި އެވެ.

ރިޔާސަތުން ހުށަހެޅި މައްސަލައިގެ ބަހުސަށް ހުޅުވާލުމުން، ރޮޒެއިނާ ވިދާޅުވީ މަޖިލީހުގައި ނެތް ބަޔަކު ހިމަނައިގެން ގޮނޑިތައް ގުނުމަކީ ބުއްދި ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ގޮނޑިތައް ހުސްވެފައި ވަނީ، ގާނޫނުގައި ބުނާ މުއްދަތު ވެސް ނެތުމާއެކު ދެން އަލުން އިންތިހާބު ނުކުރެވޭނެ ހާލަތްތަކުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ މިވަގުތު، މަޖިލީހުގައި ނެތް މެމްބަރުން ހިމަނައިގެން މަސައްކަތް ކުރެވޭނެ ހަމައެއް ނެތްކަމަށާއި ސަރުކާރުގެ މަގާމުތަކަށް ދިއުމުގެ ގޮތުން އިސްތިއުފާ ދެއްވި މެމްބަރުން ވޯޓަށް އަހާ ގަޑިތަކުގައި ނުތިބޭނެ ކަމަށެވެ.

"ދެން އެހެން ވިއްޔާ ވޯޓު ނަގާއިރު ވެސް އެ ގޮނޑީގައި ކޮންމެ ވެސް ބަޔަކު ތިބެން ޖެހޭނެ. ބަހުސްކުރާއިރު ވެސް ކޮންމެ ވެސް ބަޔަކު ތިބެން ޖެހޭނެ. މިއިން އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ބަޔަކު ވޯޓަކު ބައިވެރި ނުވެވޭ، ބަހުސަކު ބައިވެރި ނުވެވޭ. އެކަމަކު އަދަދު ގުނާއިރު ހަމަ މި މީހުން ހިމަނައިގެން [ގުނަން ޖެހެނީ]،" ރޮޒައިނާ ވިދާޅުވި އެވެ. "އެހެންވިއްޔާ މީހަކު މަރުވީމަ ވެސް ހަމަ އެ މީހާ ހިމަނައިގެން ގުނަން ޖެހޭނީ، މަސައްކަތް ކުރިޔަށް ގެންދަން ޖެހޭނީ. ދެން މިއަހަރު ކަދުރު ބަހާއިރުގައި ވެސް ގޭގޭގައި މަރުވެފައި ތިބި މީހުން ލައިގެން އަދަދު ގުނަން ވާނީ."

ސުޕްރީމް ކޯޓުގެ އަމުރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދަވާތީ، ރޮޒެއިނާގެ ވާހަކަ ހުއްޓުވައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފަ އެވެ.

ސިރާޖު ވިދާޅުވީ މަޖިލިސް ގަވައިދުގެ 175 ވަނަ މާއްދާގެ (ބ) އާއި 181 ވަނަ މާއްދާގެ (ބ) އަދި 234 ވަނަ މާއްދާގެ އެއްވަނަ ނަމަބަރު ބުނާ ގޮތުގައި ޝަރީއަތުގައި ހިނގަމުން ދާ އެއްވެސް މައްސަލައެއްގެ މައްޗަށް ބަހުސް ނުކުރެވޭނެ އެވެ. އަދި ޝަރީއަތުގައި ހިނގަމުންދާ އެއްވެސް މައްސަލައަކަށް ބަހުސް ނުކުރެވޭނެ ކަމަށާއި، ސުޕްރީމް ކޯޓުގައި ގޮތް ނިންމުން ކުރިޔަށް އޮތްވައި މިގޮތަށް ބަހުސެއް ކުރިޔަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިރާޖުގެ ނިޒާމީ ނުކުތާއަށް ފަހު، ކުޑަ ވަގުތުކޮޅަކަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއާއި މަޖިލީހުގެ ރައީސް އަސްލަމް މަޝްވަރާތަކެއް ކުރެއްވި ތަން ފެނެ އެވެ.

ނިއުޝާ މެދުވެރިކޮށް އަސްލަމް ބެއްލެވީ، ސިރާޖު ވިދާޅުވެދެއްވި މަޖިލިސް ގަވައިދުގެ މާއްދާތަކެވެ. އެއަށް ފަހު އަސްލަމް ވިދާޅުވީ އޭގެ ތެރެއިން 180 ގައި ހިމެނެނީ ޝަރުތުގެ ވާހަކަތައް ކަމަށާއި 175ގައި ބުނަނީ ކުއްލި މައްސަލައިގައި ފުރިހަމަވާން ޖެހޭ ސިފަތައް ކަމަށެވެ.

އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަށް ފަހު، މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ހުށަހެޅީ މިއީ މުޅި މަޖިލީހުގެ މަސްލަހަތު އޮތް އިމްތިޔާޒު އޮތް ކަމަކަށް ވާތީ ކަމަށެވެ. އަދި ރިޔާސަތުގެ ހުށަހެޅުމުގައި ވެސް ވިދާޅުވީ ގޮތަށް މަޖިލީހުގެ ތަރަހައިން ކުރާ އެއްވެސް ކަމެއްގެ މައްޗަށް އިތުރު ބަޔަކަށް ބަސް ނުބުނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ރައްދުގައި، ސިރާޖު ހުށަހެޅި ގަވައިދުތަކުގެ ރޫހަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އެހެންކަމުން ކުރިޔަށް މިދާ ބަހުސަކީ އެއްވެސް ހާލަތެއްގައި ކުރެވޭނެކަމެއް ނޫން ކަމަށް ތަކުރާރުކޮށް ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ މަޖިލީހުގެ ކަމެއްގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅި މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި އެކަން ވަރަށް ރަނގަޅަށް މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން ކަނޑައެޅިގެން ޝަރީއަތަށް ނުފޫޒު ފޯރުވުމަށް އެއްވެސް އަމަލެއް ނުހިންގަން ސިރާޖު ގޮވާލެއްވި އެވެ.