އަންނަ މަހު 17 ގައި ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަ މަހަށްފަހު ބާއްވާ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. އެ އިސްލާހު ބަލައިގަތުމަށްފަހު ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލާ އެ އިސްލާހު ވަނީ ދިރާސާކޮށް މިދިޔަ ބުދަ ދުވަހު ކޮމިޓީން ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ދިރާސާ ކުރަން އެކުލަވާލި ވަގުތީ ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފަ އެވެ. އެ ރިޕޯޓަށް އިތުރު އިސްލާހެއް ގެނައުމަށް ނުވަތަ ބަހުސް ކުރުމަށް ވެސް އެއްވެސް މެންބަރަކު އެދިވަޑައިގެންފައިނުވާތީ ރިޔާސަތުން ވަނީ ވޯޓަށް އަހާފަ އެވެ.

ގާނޫނަށް ހުށަހެޅި މި އިސްލާހު ފާސްވެފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. މި ބިލަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރެއްވުމުންނެވެ.

އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހަކާ ދިމާވާނަމަ، އެ އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ ނިމޭތާ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައި ބުނެފައިވާ އިރު، ވޯޓު ކަރުދާހުގައި ކެންޑިޑޭޓާ ދިމާލުގައި ސައްހަ ފާހަގައެއް ޖަހާފައިވާ ނަމަ، އެއީ ރަނގަޅު ވޯޓެއްގެ ގޮތުގައި ބެލުމަށް ވެސް ހުށަހަޅާފައިވެ އެވެ.

އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނު ނުވަތަ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލު ކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ރޯދަ މަހު އިންތިހާބު ނުބޭއްވުމަށްޓަކައި ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަދަލު ގެނެސް، އިލެކްޝަން ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަން ވާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރަން ހުށަހެޅުއްވި ބިލު ދިރާސާ ކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީން ވަނީ އެ ބިލުގައި ހިމަނާފައިވާ ކަންކަމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ވެސް ބިލުގައި ހިމަނުއްވާފަ އެވެ. އެގޮތުން، އިންތިހާބެއް ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓާސް ރަޖިސްޓްރީ ގެޒެޓުކޮށް ކޮމިޝަނުގެ ވެބްސައިޓުގައި އާންމު ކުރާ ގޮތަށް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ. އަދި ވޯޓު ކަރުދާސް ދެއްކުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެ ކުށަށް އަދަބެއް ކަނޑައެޅުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

ވަގުތީ ކޮމިޓީން ވަނީ އިންތިޚާބެއްގައި ވޯޓު ކަރުދާސް ދައްކައިފިނަމަ އެއީ ކުށެއް ކަމަށް ކަނޑައަޅައި އަދަބުގެ ގޮތުން 1 މަހާއި 3 މަހާ ދެމެދުގެ ޖަލު ބަންދެއް ކަނޑައެޅުން ނުވަތަ 6000 ރުފިޔާ އާއި 18000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ހިމަނުއްވާފަ އެވެ.