ސާރާ އަލީ ހާން ބޮލީވުޑަށް ނުކުތީއްސުރެ އޭނާއާ ޓައިގާ ޝްރޮފް އެކުގައި ފިލްމަކުން ފެނިގެންދާނެ ކަމަށް ދިޔައީ ވާހަކަ ދެކެވެމުންނެވެ. އަދި މި ތަރިންނާއެކު ސާޖިދު ނާޑިއަޑްވަލާވެސް ފިލްމެއް އުފައްދަން އުޅޭކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޓައިގާ ޝްރޮފްގެ ފިލްމު "ހީރޯޕެންތީ 2" ވެސް އެންމެ ފުރަތަމަ ދޭން ނިންމާފައި އޮތީ ސާރާ އަށެވެ. ނަމަވެސް އެންސީބީ އިން ބަލަމުންދިޔަ ޑްރަގް މައްސަލައަކާ ގުޅިގެން ސާރާ ފުލުހަށް ހަޒިރުކުރުމާއެކު އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކާއެކު ސާޖިދު ނިންމީ އެ ފިލްމުން އޭނާ ވަކިކުރުމަށެވެ. އެ ރޯލު ފަހުން ދީފައިވަނީ ތާރާ ސުޓާރިއާ އަށެވެ.

އެފިލްމުގެ ބަދަލުގައި ސާޖިދު މިވަނީ ޓައިގާ އާއެކު "ބާގީ 4"ގެ ލީޑު ރޯލު ކުޅުމުގެ ފުރުސަތު ސާރާ އަށް ދީފަ އެވެ.

ޓައިގާ ޝްރޮފް "ހީރޯޕެންތީ "2 ގެ ޝޫޓިން ނިންމުމަށް ފަހު "ބާގީ 4" ގެ ޝޫޓިން ފެށުމަށް ވަނީ ނިންމާފަ އެވެ.

ސާރާ މިހާރު ވަނީ "އަތްރަންގީ ރޭ" ގެ މަސައްކަތް ނިންމާލާފަ އެވެ. ކުރިއަށް އަދި މަސައްކަތް ނުނިމި އޭނާގެ ދެ ފިލްމު އެބައޮތެވެ. އެއީ ވިކީ ކޯޝަލް އާއި އެކު ފެނިގެންދާ ފިލްމު "ދަ އިމޯޓަލް އަޝްވަތަމާ" އަދި ޑިނޭޝް ވިޖާންގެ ފިލްމެވެ.