އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން މިހާތަނަށް ފޯމު ހުށަހަޅާފައި ވަނީ 183 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެވެ. މި މުއްދަތު އަންނަ ބުދަ ދުވަހަށް ހަމަވާނެ އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އިއްޔެ 115 މީހަކު ފޯމް ހުށަހަޅާފައިވާ ކަމަށެވެ. ފޯމް ހުށަހެޅުމަށް ބާކީ އޮތީ 2 ދުވަސްކަން ފާހަގަކުރައްވަމުން ހަބީބް ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ފޯމް ހުށަހެޅީ 183 މީހުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް، ރަމަޟާންމަހު އިންތިޚާބެއް އޮންނަ ނަމަ، އެ އިންތިޚާބެއް ބޭއްވޭނީ ރޯދަ މަސް ނިމި 10 ދުވަސްފަހުން ކަމަށް ބުނެ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިނަމަ އިންތިހާބު ބާއްވާ ތާރީހު ބަދަލުވާނެ އެވެ.