ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ސަރުކާރާ ދެކޮޅަށް ހައި ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްދީފި އެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ އަމުރު ނެރުނީ އަމިއްލަ މީހަކު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
މި ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ރޭ ވިދާޅުވީ، ގުޅިފަޅު މަޝްރޫއު ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށާއި އެހެންވެ، ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމީ ކަމަށެވެ.
މިމައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ހައިކޯޓުގެ އަމުރު ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ ހައިކޯޓުގެ އަމުރާ އެއްގޮތަށް އަމަލުކޮށްފިނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބަންޑާރަނައިބު އޮފީހުން ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންވެ ހައިކޯޓުގެ އަމުރަށް އަމަލުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އެއްވެސް އިދާރާއަކުން ނޭޅުމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައިކޯޓުން އިއްޔެ އަމުރުކުރިއިރު ގުޅިފަޅު ބިން ހިއްކުމުގެ 80 ޕަސަންޓް މަސައްކަތް އޮތީ ނިންމާފަ އެވެ.
އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާ އަށް 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ. އެ ތަން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ގުޅިފަޅަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ސަރުކާރުން ބިން ހިއްކަން ފެށި މަޝްރޫއެކެވެ.
ގުޅިފަޅު ބިން ހިއްކުން ހުއްޓުވާފައި މިވަނީ އެ ތަނުން ހިއްކި ބިމުން ބައެއް މީހުންނަށް ގޯތި ލިބުނު ކަމުގެ ލިޔުންވެސް ދޫކޮށްފައި ވަނިކޮށެވެ.