ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ކުރިމަތިލި އަންހެނުންގެ ނިސްބަތަކީ %10 ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު، 93 ދާއިރާއަށް 381 ކެންޑިޑޭޓުން ފޯމު ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ކެންޑިޑެސީ ވަނީ ބަލައިގެންފަ އެވެ.

ހަބީބް ރޭ "އެކްސް"ގައި ވިދާޅުވީ، މީގެ ތެރެއިން 10.76 ޕަސެންޓަކީ އަންހެނުން ކަމަށެވެ. އެއީ 41 އަންހެން ކެންޑިޑޭޓުންނެވެ.

ކެންޑިޑޭޓުންގެ ނަން ނަގަން ވަގުތު ދިނުމަށް ފަހު ކެންޑިޑޭޓުންގެ މެދުގައި، ގުރުއަތު ނެގުން މިއަދު މެންދުރު ފަހު 2:00 ގައި ފަށައިގެން ކުރިއަށް އެބަގެންދެ އެވެ.

މަޖިލިސް އިންތިހާބުގައި އެންމެ ގިނަ އަންހެން ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު ޑިމޮކްރެޓްސް އިންނެވެ. އެ ޕާޓީން 13 އަންހެން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެމްޑީޕީން އަންހެން ހަ ކެންޑިޑޭޓުން ވާދަކުރާ އިރު، ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ވާދަކުރަނީ އެންމެ ދެ އަންހެން ކެންޑިޑޭޓުންނެވެ. ޖުމްހޫރީ ޕާޓީން ވެސް ދެ އަންހެން ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.