ބަރަބޮލަކީ ހުރިހާ ރަށެއްގައި ހެން ވަރަށް ގިނައިން ހައްދާ އުޅޭ ތަރުކާރީއެއް ނަމަވެސް ސުފުރާ މަތިން ނިސްބަތުން މަދުން ފެންނަ ބާވަތެކެވެ. ގިނަ ފަހަރަށް ނުކައި ދޫކޮށްލެވޭ މި ތަރުކާރީއަކީ އެކި ގޮތްގޮތުން ހަށިގަނޑަށް ފައިދާކުރާ ބާވަތެކެވެ.

ލޮލުގެ ފެނުން ރަނގަޅު ކޮށްދޭ

ބަރަބޮލަކީ ދުވާލެއްގެ މައްޗަށް އަހަރުމެންގެ ހަށިގަނޑަށް ބޭނުންވާ ވިޓަމިން އޭގެ ދެގުނަ ވިޓަމިން އޭ ހިމެނޭ ތަރުކާރީ އެކެވެ. މިއީ ލޮލުގެ ސިއްހަތު ރަނގަޅުކޮށްދީ ފެނުން ރަނގަޅު ކުރުމަށް އެހީވެދޭ މާއްދާ އެކެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ

ހަށިގަނޑަށް ބޭނުންވާ މައުދަންތައް މުއްސަނދި ތަރުކާރީއަކަށް ވުމާއެކު ބަރަބޮލަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ ބަލިތަކުން ދުރު ކުރުވާ ތަރުކާރީ އެކެވެ.

ދިގު މުއްދަތުގެ ބަލިތައް ދުރުކޮށްދޭ

ހަށިގަނޑުގައި ދައުރުވާ ފްރީ ރޭޑިކަލްސްއަކީ ކެންސަރު، ހަކުރު ބަލި، ކިޑްނީ ބަލި އަދި ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ މާއްދާތަކެކެވެ. ބަރަބޮލަކީ ހަށިގަނޑުގައި ފްރީ ރޭޑިކަލްސް ދައުރުވާ މިންވަރު މަދުކޮށްދޭ ތަރުކާރީއެއް ކަމުން ދާއިމީ ބަލިތައް ދުރުކޮށްދެ އެވެ.

ބަރުދަން ލުއި ކުރުމަށް އެހީވެދޭ

ހަށިގަނޑަށް ފައިދާހުރި މާއްދާތައް ގިނަ ނަމަވެސް ބަރަބޮލަކީ ނިސްބަތުން މަދު އަދަދަކަށް ކެލޮރީސް ހިމެނޭ ބާވަތެކެވެ. ކެލޮރީސް މަދު ކާނާ ބޭނުންކުރުމަކީ ބަރުދަން ލުއިކުރުމަށް އެންމެ ބޮޑު އެހީއެއްވާ ކަމެވެ.

ހަން ސާފު ކޮށްދޭ

ބަރަބޮލުގައި ގިނަ އަދަދަކަށް އެކުލެވޭ ކަރެޓޮނޮއިޑްސްއަކީ ހަން ސާފުކޮށް ތާޒާކަންމަތީ ބަހައްޓައިދީ ހަމުގެ އެކި ކަހަލަ މައްސަލަތައް ހައްލުކޮށްދޭ މާއްދާ އެކެވެ.