ފުވައްމުލަކުން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ކުރިން ޕޮޒިޓިވްވި ދެ މީހުންގެ ތެރެއިން އެކެއްގެ ދެވަނަ ސާމްޕަލް ނެގެޓިވް ވެއްޖެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު "ހުރިހާ"އަށް މިއަދު ވިދާޅުވީ އެ ރަށު "އޮކާޒް" ފިހާރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ކަމަށް ކުރިން ދެއްކި ނަމަވެސް ދެވަނަ ސާމްޕަލް އިން އޭނާ ނެގެޓިވްވެފައިވާ ކަމަށެވެ. އެކަމަކު އެ ރަށު ޕޯސްޓް އޮފީހުން ޕޮޒިޓިވްވި މުވައްޒަފާ ގުޅުން ހުރި އިތުރު ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮކާޒް ފިހާރައިން ޕޮޒިޓިވްވި ކަމަށް ބުނާ ކުއްޖާގެ ސާމްޕަލްގައި މައްސަލައެއް ފާހަގަވެގެން އެޗްޕީއޭ އިން އަންގައިގެން އަލުން ސާމްޕަލް ނެގިއިރު ނެގެޓިވް. އެއާ ގުޅިގެން ކަރަންޓީނު ކުރި މީހުންނާއި ކޮންޓެކްޓް ޓްރޭސިން، ހެދުން މިވަގުތަށް ވަނީ މެދުކަނޑާލާފައި،" އަހުމަދު ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް ތިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ކަރަންޓީނުކުރުމާއި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެ ރަށު ހޮސްޕިޓަލުން މިއަދު ހަވީރު ބުނީ މިދޔަ އާދިއްތަ ދުވަހު ފުވައްމުލަކުން ކޮވިޑަށް ޓެސްޓް ކުރުމަށް ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހަކީ ދުބާއީން ގޮސް ފުވައްމުލަކުގައި ކަރަންޓީނުކޮށްފައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި މީހެއްކަން މިހާރު ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ހަތެއް ފެބްރުއަރީގައި ނެގުނު ރެންޑަމް ސާމްޕަލްއިން ފައްސިވި ޑުބާއީ ކްލަސްޓާރއާއި ގުޅުންހުރި ފަރާތްތަކުގެ ސާމްޕަލް ނަގައި މިއަދު މި ހޮސްޕިޓަލުގެ ލެބަރޭޓަރީގައި ޓެސްޓްކުރި އިރު އިތުރު ތިން މީހަކުވަނީ ކޮވިޑް-19އަށް ފައްސިވެފައި. އެހެންކަމުން ޑުބާއީ ކްލަސްޓާ އިން ހަތަރު މީހަކު ފައްސިވެފައިވާ ވާހަކަ ދަންނަވަމެވެ." އެ ރަށު ހޮސްޕިޓަލުން ބުންޏެވެ.

އެޗްޕީއޭ އިން ވަނީ ފުވައްމުލައް މޮނިޓަރިންގެ ހާލަތަށް ގެނެސް އެރަށަށް އަރައި ފޭބުން މަނާކޮށްފަ އެވެ. އެކަމާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އެރަށުގައި ބަލި އިތުރަށް ފެތުރިގެން ދިޔުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.

އެގޮތުން ޒަރޫރީ ބޭނުމެއް ނެތި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުމާއި ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި ސްކޫލްތަކާއި ކޮލެޖްތަކާއި ޓިއުޝަން ކުލާސްތަކާއި ގުރުއާން ކްލާސްތައް އަދި އެހެނިހެން ގޮތް ގޮތުން ހިންގާ ހުރިހާ ކްލާސްތައް ބަންދުކޮށް، އޮންލައިންކޮށް ކަލްސާތައް ކުރިއަށް ގެންދިޔުމަށް ވަނީ އަންގާފަ އެވެ.