ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފި އެވެ.
ފައިސަލް އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގަންނެވި އެވެ.
ފައިސަލް އެންމެ ފަހުން މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގަ އެވެ. އެ ޕާޓީގައި އޭނާ 16 އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު، އެ ޕާޓީން ވަކިވެވަޑައިގެންނެވީ މިދިޔަ މަހުގަ އެވެ. ރާއްޖޭގެ ނައިބު ރައީސް ކަން ފައިސަލް ފަސް އަހަރު ދުވަހު ކުރެއްވި އިރު، އެމަނިކުފާނަކީ ފެހި ގާނޫނުއަސާސީގެ ދަށުން ނައިބު ރައީސް ކަމުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ބޭފުޅާ އެވެ.
ފައިސަލް ނައިބު ރައީސް ކަމަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އެ ޕާޓީގެ ކައުންސިލުން ބޭއްވި ސިއްރު ވޯޓެއްގައި ފައިސަލް އިންތިހާބުވެވަޑައިގެންނެވި އިރު، އޭރު އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަލި ކުރުމަށް އެމްޑީޕީން ނުކުތީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްއާ އެކުގައި ކޯލިޝަން ހަދައިގެންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އެމްޑީޕީއަށް ސޮއިކުރެއްވުމުން އެ މަނިކުފާނަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވި ކަމަށެވެ.
އެމްޑީޕީއަކީ އާއްމުންނާ ވީހާ ވެސް ކައިރިން އަދި އާއްމުން ބޭނުންވާ ގޮތަށް މަސައްކަތް ކުރާ ޕާޓީއަށް ވާތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއަށް އަޣުލަބިއްޔަތު ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ސޯލިހް ވިދާޅުވީ ފައިސަލަކީ އެ ބޭފުޅުންނާ އެކު ވަރަށް ތެދުވެރިކޮށް އަދި ބުރަކޮށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއް ކަމަށެވެ. އެއީ އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށާއި ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެ ޕާޓީއަށް ވެސް އިތުރު ޖޯޝެއް ގެނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފައިސަލް ވަނީ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވައިފަ އެވެ.