ހުޅުމާލޭގައި ކާރަކާއި ވޭނެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1ގެ ނިރޮޅު މަގު ދެވަނަ ރުއްގަނޑާ ހިސާބުން ދުއްވާފައި ދިޔަ ކާރެއްގައި ފަހަތުން އައި ވޭނެއް ޖެހުނު ވަގުތު ކާރު ގޮސް ޕާކްކޮށްފައި އޮތް އެހެން ކާރެއްގައި ޖެހިފައިވާ ކަމަށް މިއަދު ހެނދުނު 6:20 އެހާކަށް ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ކާރު އަދި ވޭން ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި އެކްސިޑެންޓްގައި އަނިޔާވި 46 އަހަރުގެ މީހާ އާއި 52 އަހަރުގެ މީހާއަކީ ވެސް ދިވެހިން ކަމަށް، އެމީހުން އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިއެކްސިޑެންޓުގައި ހިމެނޭ 3 އުޅަނދަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓް ހިނގާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިދިޔަ މަހު އެކަނި ވެސް މަގުމަތީގެ 261 އެކްސިޑެންޓް ވަނީ ރިޕޯޓްކޮށްފަ އެވެ.