ރޯދަ މަހުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ގޮތަށް މަޖިލީހުން ފާސްކުރި އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާލައްވައިފި އެވެ.

ރޯދަ މަހު އެއްވެސް އިންތިޚާބެއް ނުބޭއްވޭ ގޮތަށް މި ބިލް ފާސްކުރީ ފެބްރުއަރީ 11، 2024 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފަސް ވަނަ ޖަލްސާގަ އެވެ. އަދި އެ ބިލް ރައީސް ތަސްދީގު ކުރައްވަން ފޮނުވީ ފެބްރުއަރީ 12، 2024 ގަ އެވެ.

ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، މި ބިލު މިއަދު އަނބުރައި ފޮނުއްވައިލެއްވި ސަބަބުތަކުގެ ތެރޭގައި، ރައީސް އޮފީހުން ބުނީ، މި ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރުޒުވާ ކަންކަމާއި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން އިންތިޚާބުތައް ބޭއްވުމާ އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވާފައިވާތީ ކަމަށެވެ. އަދި އެ ކަންކަން އިސްލާހުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ދައުލަތުގެ ބަންޑާރަނައިބު ލަފާދެއްވާފައިވާތީކަމަށް، ބިލް އަނބުރާ ފޮނުވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ. އަދި، މިގޮތުން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވާފައިވާ ނުކުތާތައް ބަޔާން ކޮށްދެއްވާފައިވެ އެވެ.

އޭގެ ތެރޭގައި:

  • އިންތިހާބާ ބެހޭ ގާނޫނާ މިގޮތަށް ކުޅެ އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމަކީ އިންތިޚާބާމެދު އޮތް އިތުބާރު ގެއްލޭނެކަމެއް.
  • ބިލް އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް ގެޒެޓްކުރާއިރު ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާއްމުކުރަން އޮތުމުން މިއީ ޒާތީ މައުލޫމާތެއް އާންމުވެގެންދާނެ ކަމަކަށްވުން
  • ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި، މިހާރު އޮތް ގޮތުން މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސްކުރިން އާ މަޖިލީހުގެ އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ޖެހޭ. ނަމަވެސް ބިލުގައިވާ ގޮތަށް އިންތިޚާބު ބާއްވާ ނަމަ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އިންތިޚާބުގެ ހުރިހާ ކަންކަން ނިންމާ ނުލެވުމުގެ ފުރުސަތު އޮތުމުން ބިލުގައިވާ ގޮތަށް ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ޚިލާފުވާނޭ ކަމެއް ކަމަށް ވުން.
  • ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ގައުމުގެ މަސްލަހަތާ އެއްގޮތަށް ކަންކަންކުރަން ބުނެފައިވޭ. ނަމަވެސް އިންތިހާބުގެ ތާރީޚަށް ބަދަލު ގެންނަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރާތީ އަމިއްލަ މަސްލަހަތަކަށް ކަމަށް ބެލުމުގެ ފުރުސަތު އޮތުން.
  • އިލެކްޝަންސް ކޮމިޝަނުން ކަނޑަޅާ ފޯކަލް ޕޮއިންޓްތަކަކީ ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވާ ބަޔަކަށްވާއިރު އެ ފޯކަލްޕޮއިންޓްތަކަކީ ކިހިނެއް އައްޔަންކުރާ ކޮން ބައެއްކަން އެނގޭ ފަދަ އެއްވެސް ތަފްސީލެއް ބިލުގައި ބަޔާންވެފައި ނެތުން.

އިންތިޚާބުތަކާ ބެހޭ ގާނޫނަށް އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ގެނައި ބަދަލުގެ ތެރޭގައި ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެ އެވެ. އަދި އިންތިހާބު ބާއްވަން ޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަންވާނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުންނެވެ.

ނަމަވެސް ރައީސް މުއިއްޒު އުތުރުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ "އަންނަ މަހު 17 ގައި އޮންނަ މަޖިލިސް އިންތިޚާބު" ކަމަށެވެ. އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވާ ތާރީޚަކީ އެއީ އެވެ. ނަމަވެސް މި ތާރީޚަށް ބަދަލު ގެންނަން އިންތިޚާބާ ބެހޭ ގާނޫނަށް ބަދަލު ގެނައީ ރޯދަ މަހު އިންތިޚާބު ބާއްވާނަމަ އެތައް ބަޔަކަށް އެކަމުން ދަތިތަކާ ކުރިމަތިވެ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވާނެތީ އެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުން ބިލެއް ފާސް ކުރާތާ ހަތް ދުވަސް ތެރޭގައި އެ ބިލު ތަސްދީގު ކުރުމަށް ރައީސް އަށް ފޮނުވަން ޖެހޭނެ އެވެ. އަދި އެ ބިލު ލިބޭތާ 15 ދުވަސް ތެރޭގައި ރައީސް ތަސްދީގުކުރަން ވާނެ އެވެ. ތަސްދީގު ނުކުރައްވާ ނަމަ، 15 ދުވަސް ތެރޭގައި މަޖިލީހަށް ބިލް އަނބުރާ ފޮނުވާލަން ޖެހެ އެވެ.

ރައީސް ބިލު އަނބުރާ ފޮނުވާލުމުން އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ދެވަނަ ފަހަރަށް ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލު ތަސްދީގު ކުރުން ލާޒިމްވާނެ އެވެ.

ބިލް މަޖިލީހަށް އަނބުރާ ފޮނުވާލި އިރު ގާނޫނުގައި ބުނާ 15 ދުވަހުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ.