ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބު ވެއްޖެނަމަ، ޕާޓީ ބަދަލުނުކުރާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓުން މާތްﷲ ގަންދީ ހުވާކޮށްފި އެވެ.

އެ ކެންޑިޑޭޓުން ހުވާ ކުރީ މަޖިލިސް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ. ކެންޑިޑޭޓުންނަށް ހުވާ ލައިދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން ބޭނުން ކުރާ ޝިއާރަކީ "މިސްރާހު ހަމަމަގަށް" މި އެވެ. މި ޝިއާރު ބޭނުންކުރަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުން އެ ޕާޓީން ދެން ކުރަންޖެހިފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކަމުގައިވާތީ ކަމަށް އެ ޕާޓީން ބުންޏެވެ.

މަޖިލިހުގެ އިންތިހާބުގައި މިފަހަރު އެމްޑީޕީގެ ފަރާތުން 89 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ޕާޓީން ވާދަ ނުކުރާ ހަތަރު ދާއިރާއަކީ ވ. ފެލިދޫ ދާއިރާ އާއި ފ. ނިލަންދޫ ދާއިރާ އާއި ފުވައްމުލަކު އުތުރު ދާއިރާއަށާއި ތ. ގުރައިދޫ ދާއިރާއަށެވެ.

އެމްޑީޕީން ހަތަރު ދާއިރާ އަށް ވާދަނުކުރަން ނިންމި ނަމަވެސް އެ ދާއިރާތަކަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޕާޓީން ކުރިން ވަނީ ބުނެފަ އެވެ. އެކަމަކު، އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.

އެމްޑީޕީން ވާދަކުރާ ދާއިރާތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލާ 50 އަށް ވުރެ ގިނަ މީހުންނަށް ޓިކެޓު ދިން އިރު، 40 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާފައިވެ އެވެ. ޓިކެޓު ލިބުނު ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ބައެއް މެމްބަރުންނާއި ކުރީގެ ބައެއް މެމްބަރުންނާއި ކުރީގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.