މިފަހަރުގެ ރޯދަމަހާ ދިމާކޮށް އެސްޓީއޯއިން ގެނައި އަލުވި، ފިޔާ އަދި ބިހުގެ ފުރަތަމަ ޝިޕްމަންޓް ބާޒާރަށް ނެރެ، ވިއްކަން ފަށައިފި އެވެ.

ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަަށް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓްތައް ރާއްޖެއިން ބޭރުން ގެނެސް، ރާއްޖޭގެ ބާޒާރުގައި ހޯލް ސޭލް އަދި ރީޓެއިލްކޮށް ވިއްކަ އެވެ.

އެސްޓީއޯއިން ބުނީ މިއަހަރުގެ ރޯދަމަހާއި ދިމާކޮށް ގެނައި ފިޔާ، އަލުވި އަދި ބިހުގެ ފުރަތަމަ ޝިޕްމެންޓް މާލެ ގެނެސް މިހާރު ވިއްކަން ފަށާފައިވާ ކަމަށެވެ. އަދި ރޯދަމަސް ނިމެންދެން މި ތަކެތި އަގުހެޔޮކޮށް ބާޒާރުން ލިބެން ހުންނާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން ބުނީ ފިޔާ ކިލޯއެއް ވިއްކާނީ 20 ރުފިޔާއަށް ކަމަށާއި، އަލުވި 15 ރުފިޔާއަށް ކިލޯއެއް އަދި ބިސް ވިއްކާނީ 1 ރުފިޔާ 75 ލާރީގެ މަގުން ބިހެއް ކަމަށެވެ.

ރޯދަމަހު އެންމެ ޑިމާންޑް ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެ އެވެ. އަދި މިބާވަތްތަކުގެ ޑިމާންޑް ބޮޑުވުމާއެކު، ރާއްޖޭގެ ފިހާރަތަކުންނާއި، ބާޒާރުން އެބާވަތްތަކުގެ އަގު އުފުލެ އެވެ.