ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާތީ އެއީ ރަސްމީ ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައި ދިނުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ސަރުކާރުގައި އެދެން ނިންމައިފި އެވެ.

ރާއްޖޭގައި މީގެކުރިން އިންތިހާބުތައް މުޅިން ހެން ބާއްވަމުން އައީ ހޮނިހިރު ދުވަސްތަކުގަ އެވެ. އެއީ އިންތިހާބުގެ އޮފިޝަލުންނަށް ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހަރަކާތްތެރިވާތީ އެވެ.

ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާއި ގުޅިގެން، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި އިސްލާހުގައިވާ ގޮތުން އެއްވެސް އިންތިހާބެއް ރަމަޟާން މަހުގެ ތެރޭގައި ނުބޭއްވޭ އިރު، ރޯދަ މަހަކާ އިންތިހާބު ދިމާވާ ނަމަ، އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުންނެވެ. އެވެ. އެގޮތަށް މަޖިލިހުން ކަނޑައެޅީ މި މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށް ކޮމިޝަނުން ނިންމާފައި ވަނިކޮށެވެ.

އެކަމަކު، ރައީސް ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން އިންތިހާބު އޭޕްރީލް 21 އަށް ފަސް ކުރީ އެވެ.

އޭޕްރީލް 21 ވާ އާދިއްތަ ދުވަހަކީ ރޯދަ މަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަހެވެ.

އީސީގެ އޮފިޝަލަކު ވިދާޅުވީ އިންތިހާބު އޮންނަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް ރައީސް އޮފީހަށް މިއަދު ސިޓީ ފޮނުވާނެ ކަމަށެވެ.

މިދުވަހު ވޯޓުލުން ކުރިއަށް ގެންދަވަން ނިންމެވީ މިދުވަހަށް ވުރެ އިތުރަށް ލަސްކޮށްފިނަމަ ގާނޫނުގައިވާ ގޮތަށް މިހާރު އޮތް މަޖިލިސް އުވުމުގެ 1 މަސް ދުވަސް ކުރިން އާ މަޖިލިސް ނުހޮވިދާނެ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު ވަނީ ވިދާޅުވެފަ އެވެ.