ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 14 ގައި ހުޅުވާލަން ނިންމައިފި އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ކުރިން ކަނޑައަޅާފައިވާ ތާރީހަކީ މިމަހުގެ 17 އެވެ.

ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން މި ތާރީހަށް ވަނީ ބަދަލު އައިސްފައެވެ. މިހާރު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އޭޕްރިލް މަހުގެ 21 ގަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ 21 އޭޕްރީލްގައި އިންތިހާބު ބޭއްވުމަށް ނިންމުމާއެކު އަލަށް 560 ފަރާތަކަށް 18 އަހަރު ފުރި ވޯޓުލުމުގެ ހައްގު ލިބޭ ކަމަށެވެ.

އެހެންކަމުން މި ފަރާތްތަށް ވެސް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތެއް ދިނުމުގެ ގޮތުން މިމަހުގެ 14 ގައި ރީ-ރަޖިސްޓްރީވުމަށް އަލުން ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.