ޝްރައްދާ ކަޕޫރަކީ ބޮލީވުޑްގައި އެންމެ ނަން ހިނގާ އެއް ޒުވާން ތަރި އެވެ. އޭނާގެ ފިލްމީ ހަޔާތުގެ އިތުރުން ޒާތީ ދިރިއުޅުމަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާ ކަމެކެވެ.

އެގޮތުން އެންމެ ފަހުން ޝްރައްދާ ވަނީ އޭނާ މިހާރު ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ ރާހުލް މޯދީއާއެކު ފުރަތަމަ ފަހަރަށް ބޭރުތެރެއިން ފެނިފަ އެވެ.

ރާހުލްއަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގެ ސްކްރިޕްޓް ލިޔެދީފައިވާ ލިޔުންތެރި އެކެވެ. އޭނާގެ ފިލްމުތަކުގެ ތެރޭގައި "ޕިޔާރުކާ ޕަންޗުނާމާ" އަދި ޝްރައްދާގެ "ތޫ ޖޫތީ މޭ މައްކާރު" ހިމެނެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ދެމީހުން ފުރަތަމަ ބައްދަލުވީ އެ ފިލްމުގެ ސެޓުންނެވެ. އެއަށްފަހު ރަހުމަތްތެރިވެ ލޯބީގެ ގޮތުން ގުޅުނީ އެވެ.

އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް އަޑުތައް އެރި ނަމަވެސް އެއިން އެކަކުވެސް އެކަން މީޑިއާއަށް ޔަގީން ކޮށްދީފައެއް ނުވެ އެވެ.

މީގެ ކުރިން ޝްރައްދާ ރައްޓެހިވި ތަރިންނަށް ބަލާއިރު ސިދްހާތު މަލްހޯތުރާ އަދި އަދިތުޔާ ރޯއީ ކަޕޫރު ހިމެނެ އެވެ.