ސަރުކާރެއް އެކުލަވާލުމަށް ފަހު އުފައްދާ މިނިސްޓްރީތަކުގެ އަދަދާއި ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި އެވެ.
އެ އިސްލާހު މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.
ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުން މިނިސްޓްރީތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި މިނިސްޓްރީތަކުގެ އަދަދާއި މަސައްކަތު ދާއިރާ ފާސް ކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. އެ އިސްލާހުގައި ބުނެފައިވަނީ ސަރުކާރުން އުފައްދާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތު ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާ އަށް ދެވިދާނެ ކަމަށެވެ.
ސިޔާސީ މަގާމުތައް މަދު މަތިބަރު ސަރުކާރެއް ގާއިމު ނުކުރާނެ ކަމުގެ ވައުދާ އެކުގައި އައި މި ސަރުކާރުން ގިނަ އަދަދެއްގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރާތީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިއުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނަމަ، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 300 އަށް ވުރެ މައްޗަށް އަރަ އެވެ.