ކުޅިކޮށް ކެއުމަކީ އަހަރުމެންގެ ތެރެއިން ގިނަ ދިވެހިންގެ ކަށީގައި ހިފާފައިވާ އާދައެކޭ ދެންނެވުމަކުން ގޯހަކަށް ނުވާނެ އެވެ. ކުޅިކޮށް ކާން ލޯބިކުރާ ފަރާތްތަކަށް މިއޮތީ އުފާވެރި ހަބަރެކެވެ. އެކަމުން ސިއްހަތަށް ގިނަ ފައިދާތަކެއް ލިބޭ ކަމެވެ.

ބަރުދަން ލުއިކުރަން އެހީވެދޭ

ކުޅިކޮށް ކެއުމުން ހަށިގަނޑުގައި އުފެދިފައި ހުންނަ އިތުރު ސަރުބީތައް އަންދާލަން ފަސޭހަވެ އެވެ. މިރުހުގައި އެކުލެވޭ "ކެޕްސިނޮއިޑްސް" ކިޔާ މާއްދާއެއްގެ ސަބަބުން ހަކަތަ އުފައްދާ މިންވަރު އިތުރުކޮށްދީ، ހަށިގަނޑުގައި ހުންނަ ސަރުބި ނައްތާލުމަށް އެހީވެދެ އެވެ.

ތަދުތައް ފިލުވައިދޭ

މާހިރުން ބުނާގޮތުން މިރުހުގައި އެކުލެވޭ މާއްދާއެއް ކަމުގައިވާ "ކެޕްސައިސިން"، އަހަރަމެންގެ ސިކުނޑީގައިވާ ޚާއްސަ މާއްދާއަކަށް ޓާގެޓް ކުރެ އެވެ. ސިކުނޑީގައި ވާ މި މާއްދާ އަކީ އަހަރަމެންގެ ސިކުނޑީގައި ތަދުގެ އިޙްސާސްއާ ގުޅިފައިވާ ބައިގައި އެކުލެވޭ މާއްދާ އެކެވެ. "ކެޕްސައިސިން" ގެ ސަބަބުން ސިކުނޑިން ތަދުގެ އިޙްސާސް ކޮންމެވެސް މިންވަރަކަށް އޮޅުވައި، ދަށްކޮށްދެ އެވެ.

ދިފާއީ ނިޒާމު ވަރުގަދަވޭ

ކުޅި ކާއެއްޗެހި ގިނައިން ކާމީހުންގެ ހަށިގަނޑުގައި "އެންޓިއޮކްސިޑެންޓްސް" އިތުރުވެ އެވެ. "އެންޓިއޮކްސިޑެންޓްސް" އަކީ ތަފާތު ބަލިތައް ޖައްސާ ޖަރާސީމު ތައް ނައްތާލުމުގެ ބާރު ލިބިގެންވާ މާއްދާ އެކެވެ. އަރިދަފުސް އަދި ރޯގާ ޖެހިގެން އުޅޭ ދުވަސްވަރު ވެސް ކުޅިކޮށް ކެއުމުން އަރިދަފުސް ރަނގަޅުވަނީ މިހެންވެ އެވެ.