ރާއްޖެއަކީ އާއްމުކޮށް ހޫނު ގަދަ ގައުމެކެވެ. ވިއްސާރަ ދުވަސްވަރަކަށްވުރެ އަވި ދޭ ދުވަސްތައް ގިނަ އެވެ. ގިނައިރު އަވީގައި އުޅެން ޖެހުމުން ހަން އަދާ ހަމުގެ އެކި މައްސަލަ ޖެހޭގޮތް މެދުވެރިވެ އެވެ. އަދި ހޫނު ގަދަވުމުގެ ސަބަބުން ކަރު ހިއްކާ ވަރުދެރަވެ އެވެ. މިކަންކަމުން ދުރުވުމަށް މި މޭވާތައް ކެއުމުގައި ހިމަނާށެވެ.

ރަތް މޭބިސްކަދުރު

ރަތް މޭބިސްކަދުރުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް ހިމެނެ އެވެ. މީގެ ސަބަބުން އެކި ކަހަލަ ކެންސަރު ޖެހުމުން ދުރުކޮށްދެ އެވެ. މީގެ އިތުުރުން މިއީ ހިތުގެ ބަލިތަކަށްވެސް ރަނގަޅު މޭވޭ އެކެވެ. މީގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ކަރުހިއްކުން ދުރުކޮށްދެ އެވެ.

ކަރާ

ކަރާ އަކީ ފެން ގިނަ މޭވާ އެކެވެ. ހާއްސަކޮށް ހޫނު ގަދަ ދުވަސްވަރު ގިނައިން ފެންބުއިމަކީ ވަރަށް މުހިއްމު ކަމަކަށް ވާއިރު ކަރާ ބޭނުން ކުރެވިދާނެ އެވެ. ކަރާގައި ގިނަ އަދަދަކަށް ވިޓަމިން އޭ، ސީ، ބީ6 އަދި ޕޮޓޭސިއަމް ވެސް ހިމެނެ އެވެ.

އަލަނާސި

އަލަނާސިއަކީ ގިނަ އަދަދަކަށް ކޮޕާ، މެގްނީސިއަމް ހިމެނޭ މޭވާ އެކެވެ. މީގެ އިތުރުން ފައިބާ ވެސް ހިމެނޭ މޭވާ އެކެވެ. އެގޮތުން ކޮޕާއަކީ ހިތަށާއި، ލިވާ، ކިޑްނީ އަދި ސިކުނޑިއަށް ވެސް މުހިއްމު މާއްދާ އެކެވެ.