ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޯދަ މަސް ފެށިގެންދާއިރުވެސް މިނިވަންނުކުރެއްވުމަކީ ބޭއިންސާފެއް ކަމަށާއި މިކަމުގައި ރައީސް މުއިއްޒާއި ރައީސް ސޯލިހު އެއްވެސް ތަފާތެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޯދަ މަސް ފެށޭއިރު ވެސް ރައީސް ޔާމީން ހުންނެވީ އަދިވެސް ބަންދުގައި ކަމަށެވެ. އަދި ރައީސް ކަމުގައި ޑރ.މުއިއްޒު ހުންނަވައިގެން ރައީސް ޔާމީންގެ އިސްތިއުނާފު ހިފެހެއްޓުމަކީ ބޭއިންސާފެއް ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ މިހާބޮޑު ބޭއިންސާފަކަށް އަރައިގަނެގެން ތިބެ ހެޔޮ ނަސޭހަތް ދޭން އުޅުން ދެކޮޅުނުޖެހޭ ކަމަށާއި ރައީސް ސޯލިހު އާއި ރައީސް މުއިއްޒުގެ އެއްވެސް ތަފާތެއް މިކަމުގައި ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި ޔާމީންގެ ގުޅުން ގޯސްވެފައިވާއިރު، ޔާމީން އަދިވެސް ޖަލު ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާތީ އެ މަނިކުފާނަށް ތާއީދުކުރާ ފަރާތްތަކަށް އަންނަނީ ރައީސް މުއިއްޒަށް ފާޑު ކިޔަމުންނެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އަދިވެސް ޔާމީން ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އެކަމަކު، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ޔާމީން މިނިވަން ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ.
ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވި އިރު،އިސްތިއުނާފް ޝަރީއަތްތައް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލައިފަ އެވެ. އެ މައްސަލައިގައި ކުރިއަށް އޮތީ ހުކުމް އިއްވުމަށް ބާއްވަން ޖެހޭ ޝަރީއަތުގެ މަޖިލިހެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު ވެސް އެ މައްސަލައިގައި ހުކުމް އިއްވުމަށް ހައި ކޯޓުން ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށްފައެއް ނުވެ އެވެ.
އެހެންވެ، ޕީއެންއެފުން ދެކޭ ގޮތުގައި ޔާމީންގެ ހުކުމާ މެދުގައި ގޮތެއް ނުނިމި ލަސް ކުރަނީ ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުންދާތީ އެވެ.