އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ވިއްކައިގެން އެތައް ބިލިއަން ރުފިޔާއެއް ދައުލަތުގެ އާމްދަނީގެ ތެރެއަށް ނުވަދެ އެ ފައިސާތައް ގެއްލުނުއިރު، ހަނު ތިބި ދެ ވެރިން އަނެއްކާ ވެސް ދައުލަތުގެ ޓެކްސް އިދާރާގެ އެންމެ އިސް ވެރިންގެ ގޮތުގައި ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ އަމަލު ފަޅާއެރުމުން ނޫސްވެރިން އެ ދުވަސްވަރު ސުވާލުކުރުމުން ވެސް ޔަޒީދު މުހައްމަދު އާއި ހަސަން ޒަރީރު ވަނީ މައުލޫމާތު ދޭން ދެކޮޅު ހަދައިފަ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މާޗް 18، 2010 ގައި އުފެދުނީއްސުރެ 2019 ވަނަ އަހަރާ ހަމަޔަށް ކޮމިޝަނަ ޖެނެރަލް ކަމާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް ކުރި ދެ ވެރިން ކަމަށްވާ ޔަޒީދު އާއި ޒަރީރު އައްޔަން ކުރަން ރައީސް މުއިއްޒު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޔަޒީދު އާއި ހަސަން ޒަރީރުގެ ކުރިން މީރާގައި އަދާ ކުރަމުންދިޔަ މަގާމު ގެއްލުނީ، މިހާރު މި އޮތް 19 ވަނަ މަޖިލީހުން ސެޕްޓެމްބަރު 2019ގައި ޓެކްސް ނެގުމާ ގުޅޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހުގައިވާ ގޮތުން ކޮމިޝަނަރުކަން އެކަކަށް ކުރެވޭ ގިނަ ފަަސް އަހަރުގެ ދެ ދައުރު އެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.

ގއ. ވިލިނގިލި، ވައިޖެހޭގެ ޔަޒީދު އެންމެ ފުރަތަމަ ކޮމިޝަނަރު ކަމަށް އައްޔަންކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މީރާ އުފެއްދުމަށްފަހު އެވެ.

ހުޅުމާލެ ފްލެޓް ނަންބަރު ސީ1-3ބީ ، ހަސަން ޒަރީރު ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރައްވާފަ އެވެ.

ޔަޒީދުގެ ކޮއްކޮ ޔަޒްމީދު މުހައްމަދު ވަނީ ޕީއެންސީގެ ޓިކެޓްގައި މަޖިލީހުގެ ގއ. ވިލިނގިލީ ދާއިރާއަށް ވާދަކުރަމުންނެވެ. އަދި އެ ކެމްޕޭންގައި ވެސް ޔަޒީދު އަންނަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހަރަކާތްތެރިވަމުންނެވެ.

ސިޔާސީ ނުފޫޒުގެ ދަށުވެ، ޔަޒީދު ވަނީ މީރާގެ ކޮމިޝަނަރުގެ މަގާމުގައި ހުރެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ސަރުކާރާ ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ބޮޑެތި އަދަދުތަކުން ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޖޫރިމަނާކޮށް އެ ކައުންޓްތައް ފްރީޒްކޮށްފަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މީގެ ކުރިން ހުންނެވި ފަތުހުﷲ ޖަމީލް މަގާމުން އިސްތިއުފާ ދެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާގެ އުފަން ރަށް ތ. ތިމަރަފުށި ހިމެނޭ ތިމަރަފުށި ދާއިރާއަށް ވާދަކު ރެއްވުމަށެވެ.

ފަތުހުﷲ އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓްގަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ އައްޔަންކުރެއްވީ އޮކްޓޫބަރު 31، 2019 ގަ އެވެ.

ފަތުހުﷲ އަކީ ކުރިން މީރާގެ ސީނިއަ މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. އޭނާ 2003 ވަނަ އަހަރު ފުރަތަމަ އަދާކުރެއްވީ މީރާގެ ރެވެނިއު އޮފިސަރުގެ މަގާމެވެ. އޭގެ ފަހުން ސީނިއަ ރެވެނިއު އޮފިސަރު ކަމާއި ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމު ވެސް ފުރުއްވި އެވެ.