އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ފޮށި ބަހައްޓާނީ ތިން ގައުމެއްގައި އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.

މިމަހު 17 ވަނަ ދުވަހު ބާއްވަން ކުރިން ހަމަޖެހިފައި އޮތް މަޖިލިސް އިންތިހާބު އަންނަމަހުގެ 21 ވަނަ ދުވަހަށް ފަސްކުރިއިރު، އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ވޯޓް ފޮށި ބެހެއްޓުމަށެވެ. ނަމަވެސް އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމާއި ގުޅިގެން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަން ކޮމިޝަނުން އަލުން ހުޅުވާލުމުން ބޭރުގައި ބަހައްޓާ ފޮށީގެ އަދަދު ވަނީ އިތުރުވެފަ އެެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފޮށި ބަހައްޓާނެ ގައުމުތައް ކަނޑައެޅީ ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރީ- ރަޖިސްޓްރީވި މީހުންގެ ނިސްބަތަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި ވޯޓްލުމަށް ފޮށި ބަހައްޓާނީ އިންޑިއާގެ ޓްރިވެންޑްރަމްއާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީ ކުރުމުން ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަނާއި ޔޫއޭއީގެ އަބޫ ދާބީގެ އިތުރުން ތައިލެންޑުގައި ވޯޓުލުމަށް ބައެއް މީހުން ރީ-ރަޖިސްޓްރީވި ނަމަވެސް ވޯޓު ފޮށި ބެހެއްޓޭ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ރިސޯޓްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓަނީ އެ ރިސޯޓެއްގައި ވޯޓްލުމަށް މަދުވެގެން 30 މީހުން ރީ- ރަޖިސްޓްރީވުމުންނެވެ. އެގޮތުން މިފަހަރުގެ މަޖިލިސް އިންތިހާބުގައި 34 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާއިރު މިއީ އިންތިހާބު ފަސްކުރުމުގެ ކުރިން ފޮށި ބަހައްޓަން ނިންމާފައިވާ ރިސޯޓްތަކުގެ އަދަދާއި އަޅާބަލާއިރު 7 ރިސޯޓްގެ އިތުރުވުމެކެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 600 އެއްހާ ފޮށި އެކި ސަރައްހަދުތަކުގައި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި ކޮންމެ ފޮއްޓަކަށް ވޯޓްލާނީ ގިނަވެގެން 600 އެއްހާ މީހުން ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެ އެވެ. މި އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ބޭފުޅުން ހިމެނޭގޮތަށް ޖުމްލަ 371 ކެންޑިޑޭޓުން ވާދަކުރެ އެވެ.