ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ އިންޑިއަން އޯޝަން ކެޓަގަރީގައި ރާއްޖެ ނުވަ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ އެވެ.

ޑަބްލިއުޓީއޭގެ އެވޯޑަކީ 1993ވަނަ އަހަރު ދޭން ފެށި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަތީ ފަންތީގެ އެއް އެވޯޑެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި، އަދި ދަތުރުފަތުރުގެ ސިނާއަތުގެ އެންމެ ފާހަގަކޮށްލެވޭ އެންޑޯސްމަންޓް ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ދާއިރާއަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އެވޯޑް ދިނުމެވެ.

ދުނިޔޭގެ ޓްރެވަލް އެވޯޑުގެ އިންޑިއަން އޯޝަން އެވޯޑުގައި ރާއްޖެ ނޮމިނޭޓުވެފައިވާ ދާއިރާތަކަކީ ލީޑިން ޑެސްޓިނޭޝަން، ލީޑިން ބީޗު ޑެސްޓިނޭޝަން، ލީޑިން ޑައިވް ޑެސްޓިނޭޝަން، ލީޑިން ގްރީން ޑެސްޓިނޭޝަން، ލީޑިން ހަނީމޫން ޑެސްޓިނޭޝަން، ލީޑިން ޓޫރިސްޓް ބޯޑު، ލީޑިން އެޑްވަންޗާ ޓޫރިޒަމް، ލީޑިން ކްރޫޒް ޑެެސްޓިނޭޝަން،ލީޑިން ވެޑިން ޑެސްޓިނޭޝަން ކެޓަގަރީ އެވެ.

އެމްއެމްޕީއާރްސީން ބުނީ މި ކެޓަގަރީތަކަށް ރާއްޖެ ނޮމިނޭޓުވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ފަތުރުވެރިންނަށް ރާއްޖެއިން ރަނގަޅު ތަޖުރިބާއެއް ހޯދައިދިނުމަށް ޓަކައި މަންޒިލެއްގެ ގޮތުގައި ރާއްޖެއިން ކުރާ މަސައްކަތް ހާމަވާ ކަމެއްކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

މި އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޑަބްލިޔުޓީއޭ ވޯލްޑްސް ކެޓަގަރީއަށް ވޯޓުލުން ހުޅުވާލާފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިިޔަލަށެެވެ.