ބޮލީވުޑް މަޝްހޫރު އެކްޓްރެސް ރާނީ މުކަރްޖީ ދެވަނަ ދަރިއަކަށް ބަލިވެ އިނދެ އެ ދަރިފުޅު ބައިގެންދިޔަކަން އޭނާ ހާމަކޮށްފި އެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރާނީ ވަނީ އޭނާގެ އާއިލީ ދިރިއުޅުމާ ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފަ އެވެ.

އެގޮތުން ރާނީ ބުނީ ފުރަތަމަ ދަރިފުޅު އަދީރާއަށް ފަހު އެހެން ދަރިއަކު ހޯދަން ވަރަށް މަސައްކަތް ކުރި ކަމަށާއި ދަރިއަކަށް ބަނޑުބޮޑު ވެސްވި ކަމަށެވެ. އެހެން ނަމަވެސް އެ ދަރިފުޅު ބައިގެންދިޔައީ ކަމަށް އޭނާ ބުންޏެވެ.

ރާނީ ބުނީ ޕެންޑަމިކްއެއްގެ ތެރެއިން ދަރިއަކު ގެއްލުމަކީ ލިބުނު އިތުރު ހިތާމައެއް ކަމަށާއި އެ އުމުރުގައި އޭނާގެ ދަރިފުޅަށް ކޮއްކޮއެއް ނުދެވޭތީ ދެރަވާ ކަމަށެވެ.

މިހާރު އުމުރުން 46 އަހަރުގެ ރާނީ ފިލްމު ޕްރޮޑިއުސަރު އަދިތުޔާ ޗޯޕްރާއާ ކައިވެނި ކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް އަދިރާ ލިބުނީ ޖެހިގެން އައި 2015 ވަނަ އަހަރު އެވެ.