ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އިދިކޮޅު އެމްޑީޕީން ވާދަކުރާ ކައުންސިލަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސް ހޮވައިފި އެވެ.

އެލްޖީއޭގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް އެމްޑީޕީގެ ތެރޭގައި ބޭއްވި ޕްރައިމަރީ ކާމިޔާބުކުރައްވައި ޓިކެޓް ކަށަވަރުކުރެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރުގެ އިތުރުން ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާ އެވެ.

މީގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ ގޮނޑިއަށް ވާދަކުރެއްވި ކުޅުދުއްފުށި ސިޓީގެ މޭޔަރު އާތިފަށް ޓިކެޓް ލިބިވަޑައިގަތީ އިތުރު ބޭފުޅަކު ކުރިމަތިނުލައްވާތީ އިންތިހާބަކާ ނުލައެވެ. ނަމަވެސް، ކައުންސިލް ރައީސުންގެ ގޮނޑިއަށް ވާދަކުރެއްވި މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު ޓިކެޓް ހޯއްދެވީ ރަސްގެތީމު، ތުޅާދޫ އަދި ގަމު ކައުންސިލްގެ ރައީސާ ވާދަކުރައްވައިގެންނެވެ. ހަމައެއާއެކު ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން ހޮވޭ މަގާމަށް ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާ ހޮވުނީ ދުވާފަރު، ފުވައްމުލައް، މާލެ ސިޓީ އަދި ކޮނޑޭގެ ޑަބްލިއުޑީސީ ރައީސުންނާ ވާދަކޮށް ކުރި ހޯދައިގެންނެވެ.

މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅުމުގެ މުއްދަތު މިއަދު މެންދުރު 12:00 އަށް ހަމަވާއިރު، ރަސްމީ ވޯޓުލުން ކުރިއަށް ދާނީ އޯގަސްޓް 8 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އޮގަސްޓް 11 ގައި އިއުލާންކުރަން ވަނީ ހަމަޖެހިފަ އެވެ.

އެލްޖީއޭގެ ބޯޑުގައި މިހާރު ތިއްބެވީ ބޯޑުގެ ރައީސް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުގެ އިތުރުން ނައިބުރައީސް ފާތިމަތު ނިއުމާ، ސީއީއޯ މުހައްމަދު ނިމާލު، އަދި ބޯޑު މެންބަރުން ކަމަށްވާ ފާތިމަތު ޒީނާ އަލީ، މުހައްމަދު އާޒާދު އަދި އަޒްހާ ޒަމީރު އެވެ.