ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމް ސެލެބްރިޓީން އުޅުނު ނަމަވެސް އެ އެންމެންނަކީ ދީނުގެ ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ނޫނެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ވެސް މަދު ބަޔަކު އަޅުކަންތަކުގައި އުޅެ އެވެ.

އެގޮތުން މި ބަލާލަނީ ރޯދަ މަހުގެ ރޯދަ ހިފާ މުސްލިމް ބައެއް ތަރިންނަށެވެ. އޭގެ ތެރޭގައި ފިލްމީ ތަރިންނާއި ލަަވަކިޔުންތެރިންގެ އިތުރުން ފުޓުބޯޅަ ކުޅުންތެރިން ވެސް ހިމެނެ އެވެ.

ޑީޖޭ ޚާލިދު

ފަލަސްތީނު މައިންބަފައިންނަށް އުފަން އެމެރިކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޑީޖޭ ޚާލިދު ބުނާ ގޮތުގައި ރޯދަ މަހު އޭނާ ރޯދަ ހިފަން މަސައްކަތް ކުރި ނަމަވެސް ބައެއް ފަހަރު ވަރުދެރަ ވެގެން ހޮސްޕިޓަލަށް ގެންދަން ވެސް ޖެހިފައިވާ ކަމަށެވެ.

ހަލީމާ އެޑެން

މަޝްހޫރު ބްރޭންޑްތަކުގެ އެމްބެސެޑަރުކަން ކުރަމުން އަންނަ ސޯމާލިއާ ނަސްލުގެ ހަލީމާ ބުނީ ރޯދަ ހިފުމަކީ އޭނާއަށް އުނދަގޫ ކަމެއް ނޫން ކަމަށާއި ކުރާ ހިތުން ކުރާ ކަމެއް ކަމަށެވެ.

މުހައްމަދު ހަދީދް

މަޝްހޫރު މޮޑެލުން ކަމަށްވާ ގިގީ، ބެލާ އަދި އަންވަރު ހަދީދްގެ ބައްޕަ މުހައްމަދު ހަދީދް ބުނާ ގޮތުގައި އޭނާއަކީ "ފުރިހަމަ މުސްލިމަކަށް" ނުވި ނަމަވެސް ރޯދަ މަހު ރޯދަ ހިފާ ކަމަށެވެ.

މެސުޓް އޮޒިލް

ޖަރުމަނުގެ ފުޓްބޯޅަ ކުޅުންތެރިޔާ މެސުޓްއަކީ ވެސް ގަވާއިދުން ރޯދަ ހިފާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ރޯދަ ހިފައގެން ހުރެ ބައެއް މެޗުތައް ވެސް ކުޅެފަ އެވެ.