މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރައިފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އިއްޔެ 11:00 ގައި ހުޅުލެއަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 44.3 ޑިގްރީ ސެލްސިއަސްގަ އެވެ. ހދ. ހަނިމާދޫ އަށް އިހްސާސް ކުރެވޭ ހޫނު މިން 40 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ލ. ގަމުގައި އިހްސާސް ކުރެވޭ ހޫނު މިން ހުރީ 39.9 ޑިގްރީ ސެލްސިއަސްގަ އެވެ.

ލ. ކައްދޫގައި އިހްސާސް ކުރެވޭ ހޫނު މިން 38 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ގދ. ކާޑެއްދޫގައި އިހްސާސް ކުރެވޭ ހޫނު މިން ހުރީ 37 ޑިގްރީ ސެލްސިއަސްގަ އެވެ.

ރާއްޖެ އަށް މި ދުވަސްވަރަކީ ވަރަށް ހޫނު ގަދަ ދުވަސްވަރެކެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް އިހްސާސް ކުރެވޭ ހޫނު މިން ވަނީ 44 ޑިގްރީ ސެލްސިއަސް އިން މައްޗަށް އަރައިފަ އެވެ.

މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ 31 ޑިގްރީ ސެލްސިއަސް އާއި 38 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުން މާޗް މަހާއި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އެއީ ވިލާ މަދުވުމާއި، ވައި މަޑުވުނުން އަދި ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުންނެވެ. އޭގެ އިތުރުން މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކުރާ ކަމަށް ބުނެފައިވެ އެވެ.