ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރާ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން މިއަދު ނިންމައިފި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމުގެ ކަންބޮޑުވުން އެމްޑީޕީން އަންނަނީ ފާޅުކުރަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ 100 އަށްވުރެ ގިނަ އެމްޑީޕީގެ ސަޕޯޓަރުން މިހާތަނަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވަޒީފާއިން ވަކިކުރާ މީހުންގެ މައުލޫމާތު އެ ޕާޓީގެ އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށް އެދިފަ އެވެ.

އެމްޑީޕީން ބުނީ، އެފަދަ ކަމެއް ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ހިނގާ ނަމަ އެ މައުލޫމާތު ހިއްސާކުރުމުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކަމުންދާކަމުގެ މައުލޫމާތު އެކި ފަރާތްތަކުން އެ ޕާޓީއާ ހިއްސާކުރަމުން އަންނަ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމާ އެކު އިއްޔެ އއ. މާޅޮހަށް ކުރެއްވި ދަތުރުގައި ސްޓެލްކޯގެ މެނޭޖަރު އަހްމަދު ލަތީފް މަރުހަބާކިޔުމަށް ބައްދަލުކުރުމުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ލ. މައިބާދޫ ސްޓޭޝަން މެނޭޖަރު ހަސަން ޝައުގީ ވެސް ވަނީ އެއްވެސް ހައްގަކާނުލާ ވަޒީފާއިން މިއަދު ވަކިކޮއްފައި ކަމަށް އެ ޕާޓީން ބުންޏެވެ.