މިރެއިން ފެށިގެން ރޯދަ މަސް ނިމެންދެން އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީހު ނަމާދު ކުރާނީ އެ މަރުކަޒުގެ އިމާމް ޝެއިހް މުހައްމަދު ލަތީފްގެ ދެ ދަރިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރެއިން ފެށިގެން މަރުކަޒުގައި ތަރާވީހު ކުރާނީ ސަލްމާން މުހައްމަދު ލަތީފާއި ސުލްތާން މުހައްމަދު ލަތީފު ކަމަށެވެ.

ޝެއިހް މުހައްމަދު ލަތީފްގެ ތިއްބަވަނީ ދެ ހާފިޒުންނެވެ.

މީގެ ކުރިން ސަލްމާން މުހައްމަދު ލަތީފު ދިޔައީ އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީހު ނަމާދު ކުރަމުންނެެވެ. އޭނާގެ އިތުރުން ދެން ތަރާވީހް ކުރަމުން ދިޔައީ ޝެއިހް އިބްރާހިމް ރަޝީދު ހަސަނެވެ.

އިބްރާހިމް ރަޝީދު ހަސަންއަކީ ވެސް އިސްލާމީ މަރުކަޒުގެ އިމާމެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޝެއިހް ލަތީފް އިސްލާމީ މަރުކަޒުގެ އިމާމްގެ މަގާމަށް އައްޔަން ކޮށްފައި ވަނީ މިނިސްޓަރެއްގެ ފެންވަރުގަ އެވެ.