އަންނަ މަހު 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ އޮފިޝަލަކު ވިދާޅުވީ މަޖިލިސް އިންތިހާބާ ގުޅޭ ދިހަ މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އަށް މައްސަލައެއް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕޭނު ކުރުމާއި، ކެމްޕޭނު ކުރުމުގައި ރިޝްވަތު ހުށަހެޅުމުގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކެމްޕޭނު ކުރުމުގެ މައްސަލަތައް ހިމެނެ އެވެ.

އޭސީސީއިން ވަނީ އިންތިހާބާ ގުޅޭ ކަރަޕްޝަންގެ މައްސަލައެއް ފާހަގަކުރެވޭ ނަމަ، އެ މައްސަލައެއް ހުށަހެޅުމަށް ވެސް އިލްތިމާސް ވެސް ކޮށްފަ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޭޕްރީލް 21 ވަނަ ދުވަހު އެވެ.