ނ. އިރުފުށި ރިސޯޓު ހިންގުން ހިލްޓަންއާ ހަވާލުކުރުމަށް ސޮއިކުރި މެނޭޖްމަންޓް އެގްރީމަންޓް ބާތިލުކުރުމާ ގުޅިގެން ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަންއަށް އެވޯޑުކުރި ފައިސާ ސަން ޓްރެވަލްސް އިން މިދިޔަ ބުދަ ދުވަހު ދައްކައި ޚަލާސްކޮށްފި އެވެ.
ދ. މީދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް (ސަން) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ހިލްޓަންއަށް ދައްކަން އާބިޓްރޭޝަނުން އެވޯޑުކުރި ފައިސާއާއި އިންޓްރެސްޓުގެ ގޮތުގައި ޖުމުލަ 31.2 މިލިއަން ޑޮލަރު ސަން އިން ސީދާ ހިލްޓަންއަށް ދައްކާފައިވާ ކަމަށެވެ. އަދި މުޅި މި މައްސަލައާ ގުޅިގެން ގާނޫނީ ވަކީލުންނާއި، ޚަބީރުންނަށް ކުރި ޚަރަދާއި، ގުޅުންހުރި އެހެނިހެން ޚަރަދުތައް ހިމެނޭގޮތުން އިތުރު 5.6 މިލިއަން ޑޮލަރު ސަން އިން ޚަރަދުކުރަންޖެހުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ރިސޯޓް ތަރައްގީ ކުރީ ސަން އިން، ހިންގަން ހަވާލުވީ ހިލްޓަންއިން އެދިގެން
އިރުފުށި ރިސޯޓަކީ ނ. މެދަފުށީގައި ސިޔާމްގެ ސަން ކުންފުނިން ޚަރަދުކޮށްގެން ތަރައްގީކޮށް، 2008 ވަނަ އަހަރުގެ އޮގަސްޓް މަހު ހުޅުވާފައިވާ 221 ކޮޓަރީގެ މައްޗަށް އެކުލެވޭ ފަސް ތަރީގެ ރިސޯޓެކެވެ. މިއީ ނ. އަތޮޅުގައި ހުޅުވި އެންމެ ފުރަތަމަ ޓޫރިސްޓު ރިސޯޓެވެ.
އެ ކުންފުނިން ބުނީ މެނޭޖްމަންޓް އެގްރީމަންޓުގެ ދަށުން ރިސޯޓު ހިންގަން ހިލްޓަންއާ ހަވާލު ކުރުމާ ހަމައަށް ވެސް ސަން އިން ރިސޯޓު ހިންގަމުން ދިޔައީ ކާމިޔާބު ކަމާއެކު ކަމަށެވެ. އެ ރިސޯޓް ހިންގުމުގެ ޝައުގުވެރިކަން ހިލްޓަންއިން ފާޅުކުރީ ސަން އިން އަމިއްލައަށް އެ ރިސޯޓް ހިންގަމުން ދަނިކޮށް 2008 ވަނަ އަހަރުގެ ފަހު ކޮޅުގައި ކަމަށް ސަން އިން ބުންޏެވެ.
"ހިލްޓަން އިން އޭރު ބުނެފައިވަނީ، އިރުފުށި ރިސޯޓަކީ "ހިލްޓަން" ބްރޭންޑުގެ އެހެން ރިސޯޓުތަކަށްވުރެ ރަނގަޅު ފެންވަރުގައި ހަދާފައިވާ ރިސޯޓެއް ކަމަށާއި، ރިސޯޓު ރީ-ބްރޭންޑް ކުރުމަށްޓަކައި ހަމައެކަނި ކުރަންޖެހޭނެ ކަމަކީ ރިސޯޓުގެ ނަންބޯޑު ބަދަލުކުރުން ކަމަށް،" ކަން ހިނގި ގޮތް ބަޔާން ކޮށްދެއްވަމުން ސަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެގްރީމެންޓް ހެދީ ފައިދާ ވާނެކަން ދައްކައި އޮޅުވާލައިގެން
ސަންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މެނޭޖްމަންޓް އެގްރީމަންޓާގުޅޭ މަޝްވަރާތައް ފަށައިގަތުމަށްޓަކައި "ހިލްޓަން" ބްރޭންޑު ނަމުގައި ރިސޯޓް ހިންގައިފިނަމަ އިތުރަށް ފައިދާ ލިބޭނެ މިންވަރު އަންދާޒާކޮށް އިނީޝަލް ޕްރޮޖެކްޝަންތަކެއްގެ ވާޝަން 1.1 30 ޖެނުއަރީ 2009 ގައި ހިލްޓަން އިން ހުށަހެޅި ކަމަށެވެ.
ސަން އިން އެ ޕްރޮޖެކްޝަންތައް ބަލައި ނުގަތުމުން ވާޝަން 1.1 އަށް ބަދަލުތަކެއް ގެނައުމަށްފަހު ހިލްޓަން އިން ވާޝަން 1.2 ހުށަހެޅީ 6 ފެބްރުއަރީ 2009 ގައި ކަމަށް ސަން އިން ބުންޏެވެ. އެ ވާޝަން ވެސް ސަން އިން ބަލަލައި ނުގަތުމުން އޭގެ ޖަވާބުގައި، ލިބޭ އާމްދަނީ އިހުނަށް ވުރެ ވެސް އިތުރުވާނެ ކަމަށް ދައްކުވައިގެން 26 ފެބްރުއަރީ 2009 ގައި ހިލްޓަން އިން ރިވައިޒްޑް ޕްރޮޖެކްޝަންތަކެއް ހުށަހެޅި ކަމަށް ސަން އިން ބުންޏެވެ.
"އަދި ހިލްޓަން އިން އޭރު އޮޕަރޭޓް ކުރަމުންދިޔަ އެހެން ރިސޯޓަކަށް ލިބޭ އާމްދަނީ ދައްކައިދޭ ޢަދަދުތައް ހިލްޓަންގެ ފަރާތުން ސަން އަށް ހާމަކުރި. ހިލްޓަން އިން ހުށަހެޅި އަދަދުތައް 30 ދަވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި 3 ފަހަރަށް ބަދަލުކުރި. މީގެ ބޭނުމަކީ ހިލްޓަންގެ މެނޭޖްމަންޓުގެ ދަށުން ރިސޯޓު ހިންގައިފިނަމަ ބޮޑެތި އަދަދުތަކުން ފައިދާވާނެކަމަށް މަކަރާއި، ހީލަތުން، އޮޅުވާލައިގެން ސަން އަށް ދައްކުވައި، ސަން ލައްވައި މެނޭޖްމަންޓް އެގްރީމަންޓުގައި ސޮއިކުރުވުން،" ސަންގެ ބަޔާނުގައިވެ އެވެ.
ހިލްޓަންއިން އޮޅުވާލިކަން އިތުރަށް ތަފްސީލު ކޮށްދެމުން ސަން އިން ބުނީ ޕްރޮޖެކްޝަންތައް ހުށަހެޅުމުގައި ހިލްޓަންއިން ހަގީގަތް އޮޅުވާލާފައިވާކަމުގެ މިސާލެއްގެ ގޮތުން 2010 ވަނަ އަހަރަށް އެންމެ ފުރަތަމަ ހުށަހެޅި އިނީޝަލް ޕްރޮޖެކްޝަންތަކުގެ ވާޝަން 1.1 ގައި 56 ޕަސެންޓްގައި ހުންނާނެ ކަމަށް ލަފާކުރި އޮކިއުޕެންސީ، ވާޝަން 1.2 ގައި 68 ޕަސެންޓަށް އިތުރުކޮށް، ފަހުން ރިވައިޒްޑް ޕްރޮޖެކްޝަންތައް ހުށަހެޅިއިރު ހުރީ 70 ޕަސެންޓަށް އިތުރު ކޮށްފައި ކަމަށެވެ. އަދި ގްރޮސް އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި 12.19 މިލިއަން ޑޮލަރު ލިބޭނެކަމަށް އިނީޝަލް ޕްރޮޖެކްޝަންސްގެ ވާޝަން 1.1 ގައި ލަފާކުރުމަށްފަހު، ވާޝަން 1.2 ގައި އެ އަދަދު 16.55 މިލިއަން ޑޮލަރަށް އިތުރުކޮށް، އެންމެ ފަހުން ރިވައިޒްޑް ޕްރޮޖެކްޝަންސްގައި އެ ޢަދަދު 21.81 މިލިއަން ޑޮލަރާ ހަމައަށް އިތުރުކުރި ކަމަށް ސަން އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ފައިދާވާނެކަން ދެއްކުމުގެ ގޮތުން 2011 އަދި 2012 ގެ ޕްރޮޖެކްޝަންތަކަށް ވެސް މިފަދަ ބަދަލުތައް ގެނައި ކަމަށެވެ.
"މީގެ އިތުރުން ހިލްޓަންއަށް ނަތީޖާ ހާސިލް ނުކުރެވިއްޖެ ނަމަ އަމިއްލައަށް ކޮންޓްރެކްޓް ބާތިލުކުރުމަށް ހުށަހަޅާނެ ކަމަށް ވެސް މަޝްވަރާގެ ތެރޭގައި ހިލްޓަންގެ ފަރާތުން ބުނެފައިވޭ. ހިލްޓަން އަކީ މަތީފަންތީގެ ރިސޯޓްތައް މެނޭޖްކުރާ ކުންފުންޏަކަށްވާތީ، ހިލްޓަންއިން ހުށަހެޅި ޕްރޮޖެކްޝަންތަކަށް އިތުބާރުކޮށް، ސަން އިން މެނޭޖްމަންޓް އެގްރީމަންޓުގައި ބައިވެރިވީ،" ސަންގެ ބަޔާނުގައި ބުންޏެވެ.
އެގްރިމޭންޓް ހެދީ މަކަރާއި ހީލަތުންކަން ޔަގީންވުން
މެނޭޖްމަންޓް އެގްރީމެންޓުގައި ސޮއިކުރުމަށްފަހު "ހިލްޓަން" ބްރޭންޑްގެ ދަށުން ރިސޯޓް ހިންގަން ފެށީ 2009 ވަނަ އަހަރުގެ ޖުލައި މަހު އެވެ.
ސަން އިން ބުނިގޮތުގައި އެ ކުންފުންޏަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ، ޖެހިގެން އައި 2010 ވަނަ އަހަރަށް ރިސޯޓުގެ ބަޖެޓް ހުށަހެޅިއިރު ހިލްޓަން އިން ކުރިން ހުށަހެޅި ޕްރޮޖެކްޝަންތަކުގައި ހުރި އަދަދުތަކަށް ވުރެ މާ ބޮޑަށް ދަށްކޮށް ރިސޯޓަށް އާމްދަނީ ލިބޭނެ ކަމަށް ކުރު މުއްދަތެއްގެ ތެރޭގައި ލަފާކޮށްފައިވާތީ އެވެ.
"އެގޮތުން ހިލްޓަން އިން އޮތީ އެވެރެޖް ރޫމް ރޭޓް 520 އެމެރިކާ ޑޮލަރުން، އޭގެ ގާތްގަނޑަކަށް %50 އާ ހަމައަށް ދަށްކޮށްފައި. އަދި ގްރޮސް އޮޕަރޭޓިން ޕްރޮފިޓް ވެސް ހަމަ މި މޭރުމުން ދަށްކުރި. ހިލްޓަންގެ ޕްރޮޖެކްޝަންތަކަށް ވާސިލު ނުވެވުނުއިރު، ހިލްޓަން އިން ރިސޯޓު ހިންގުމަށްފަހު ހުށަހެޅި ބަޖަޓުގައި އަމިއްލައަށް ބަޔާންކޮށްފައިވާ އަދަދުތަކާ ގާތަށް ވެސް ނަތީޖާ ހާސިލެއް ނުކުރެވުނު،" އެ ބަޔާނުގައިވެ އެވެ.
"ހިލްޓަން އިން ހުށަހެޅި ހިސާބުތައް ބަދަލުކުރަމުން ދިއުމާއި، ހިލްޓަންއިން ހުށަހެޅި ޕްރޮޖެކްޝަންތަކާއި، އަމިއްލައަށް ތައްޔާރުކުރި ބަޖެޓް ވެސް ހާސިލު ނުކުރެވި ދިއުމުން، ސަން އާއި ހިލްޓަންއާ ދެމެދު ސޮއިކުރި މެނޭޖްމަންޓް އެގްރީމަންޓުގައި ސަން ލައްވައި ސޮއިކުރުވާފައި ވަނީ މަކަރާއި، ހީލަތާއި، އޮޅުވާލުމުގެ ތެރެއިންކަން ސަންއަށް ޔަގީން ކުރެވުނު،" ބަޔާނުގައިވެ އެވެ.
ރިސޯޓް ތަރައްގީކޮށް ހިންގަން ހިލްޓަންއިން ޑޮލަރެއް ވެސް ހަރަދެއް ނުކުރޭ
ސަން އިން ބުނީ ހިލްޓަން އިން ރިސޯޓު ހިންގުމުގެ ހުރިހާ ހައްގުތައް ބޭނުންވާ ކަމަށް ބުނެ އަމިއްލައަށް އިސްވެ ސަންއަށް ހުށަހެޅުމުން މެނޭޖްމަންޓް އެގްރީމަންޓުގެ ދަށުން ރިސޯޓު ހިންގުމަށް ހަވާލުކުރީ، ހިންގުމުގެ ހުރިހާ ޚަރަދެއް ސަން އިން ކުރާ ގޮތަށް ކަމަށެވެ. އަދި ހިލްޓަން އިން ސަންއަށް ހުށަހެޅި ޕްރޮޕޯސަލްގައި ސަން އަށް ލިބޭނެ މަންފާކަމަށް ދައްކުވައިދީފައިވާ ފައިދާ ސަންއަށް ލިބޭނެ ކަމަށް ގަބޫލުކޮށްގެން ކަމަށް އެ ކުންފުނިން ބުނެ އެވެ.
"ހިލްޓަން އަކީ އިންވެސްޓަރެއް ނޫން. އިރުފުށި ރިސޯޓް ތަރައްގީ ކުރުމަށް އަދި ހިންގުމަށް ހިލްޓަން އިން އެންމެ ޑޮލަރެއް ވެސް ޚަރަދުކޮށްފައެއް ނޯންނާނެ. އެ ހުރިހާ ޚަރަދެއް ކުރީ ސަން އިން. ކުރުކޮށް ދަންނަވާނަމަ، ހިނގަހިނގާ އޮތް ރިސޯޓަކާ ހިލްޓަން އިން ހަވާލުވީ ފުރިހަމަ ވަސީލަތްތަކާއި މުވައްޒަފުންނާއެކު، އެއްވެސް މާލީ ޒިންމާއެއް ހިލްޓަން އިން އުފުލަން ނުޖެހޭގޮތަށް،" ބަޔާނުގައިވެ އެވެ.
ރިސޯޓް ހިންގީ ހަރަދު ބޮޑުކޮށް، މަކަރު ހަދައިގެން
ހިލްޓަންއާ ހަވާލުކޮށްގެން ސަންއިން އެ ރިސޯޓް ހިންގީ ތިން އަހަރެއްހާ ދުވަސް ވަންދެންނެވެ.
ސަން އިން ބުނީ އެ މުއްދަތުގެ ތެރޭގައި ހިލްޓަންއިން ރިސޯޓް ހިންގަމުން ގެންދިޔައީ އިންތިހާއަށް ހިންގުމުގެ ޚަރަދު ބޮޑުކޮށް ކަމަށެވެ. އެގޮތުން ރިސޯޓަށް ބޭނުންވާ ސަޕްލައި ގަތުމުގައި ވެސް މަކަރުހަދައި، އިސްރާފްކޮށް، ސަން އަށް ގެއްލުންވާ ގޮތަށް އެކަށީގެންނުވާ ބޮޑެތި އަގުތައް ޖަހައިގެން ކޮންސިއުމަބަލްސް ގަތުން ފަދަ ކަންކަން ތަކުރާރުކޮށް ކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"ރިސޯޓަށް މުވައްޒަފުން ހޯދުމަށްޓަކައި މަސައްކަތްތެރިން ހޯދައިދޭ އޭޖެންސީތަކަށް ވެސް މާކެޓް ރޭޓާ ނުބައްދަލު ބޮޑެތި އަދަދުތަކުން ހިލްޓަން އިން އަގު ދައްކާފައިވާ ކަމަށް ބެލެވޭ. އޮޅުވާލުމާއި، މަކަރާއި ހީލަތްހެދުން، އަދި ޕްރޮކިޔޯމަންޓްގެ ކަންކަންމުގައި ސަންގެ ފައިސާއިން މިފަދަ ބޮޑެތި 'ވައްކަން' ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކުރިން ފައިދާ ވަމުން ދިޔަ ރިސޯޓުން ގެއްލުންވާން ފެށި. އަދި ރިސޯޓުގެ އާބާތުރަ ފިލުވައި ގަވައިދުން މަރާމާތު ކުރުމަށް މެނޭޖްމަންޓް އެގްރީމަންޓްގައި ހިލްޓަންއާ މަތިކޮށްފައިވާ ޒިންމާއަށް ކަނޑައެޅިގެން ޚިޔާނާތްތެރިވުމުގެ ސަބަބުން ރިސޯޓުގެ ވަސީލަތްތައް ހަލާކުވަމުން ދިޔަ. އަދި އެކަންކަން ރަނގަޅުކުރުމަށް ސަން އިންކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވެގެން ދިޔަ،" ބަޔާނުގައި އިތުރަށް ތަފްސީލު ކޮށްދިނެވެ.
ބޮޑު ގެއްލުމެއް، އެގްރީމެންޓް ބާތިލް ކުރީ މަޖުބޫރުވެގެން
ސަން އިން ބުނިގޮތުގައި 2010 ވަނަ އަހަރު 21.80 މިލިއަން ޑޮލަރު ފައިދާ ވާނެ ކަމަށް ހިލްޓަން އިން ހިސާބު ކުރިއިރު، 2011 ވަނަ އަހަރު 24.05 މިލިއަން އެމެރިކާ ޑޮލަރު، އަދި 2012 ވަނަ އަހަރު 28.46 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާ ލިބޭނެ ކަމަށް ހިލްޓަން އިން ހިސާބުކުރި ކަމަށެވެ. އެހެންނަމަވެސް، މި އަދަދުތަކާ ގާތަށް ވެސް ހިލްޓަންއަށް ނަތީޖާ ނެރެވިފައި ނުވާ ކަމަށް ސަން އިން ބުންޏެވެ.
"އަދި އެމުއްދަތުގައި ރިސޯޓާ ގުޅިގެން ދައުލަތުގެ އިދާރާތަކާއި، މާލީ އިދާރާތަކަށް ދައްކަންޖެހުނު ފައިސާ ވެސް ދައްކަމުން ދިޔައީ ސަންއާ ގުޅުންހުރި އެހެން ކުންފުނިތަކުގެ އެހީތެރިކަމާ އެކުގައި. ހިލްޓަން އިން ހުށަހެޅި ބަޖެޓާ ގާތަށް ވެސް އާމްދަނީ ނުލިބުމުން ސަންއަށް މަޖުބޫރުވީ ސަން އިން ނަގާފައިވާ ލޯނުތައް ވެސް ރީޝެޑިއުލް ކުރުމަށް ލޯނު ދޫކުރި ފަރާތްތަކުގައި އެދެން. އަދި ލޯނުތައް ރީޝެޑިއުލް ކުރުމަށް ސަން އިން ޚަރަދުތަކެއް ކުރަންޖެހުންވީ ސަންއަށް ކުރިމަތިވި އިތުރު މާލީ ބުރައަކަށް. ސަން އަށް މާލީ ބޮޑު ބުރައެއް އުފުލަންޖެހި ގެއްލުން ވަމުން ދިޔައިރު، އެއްވެސް މިންވަރެއް އުނިކުރުމެއް ނެތި ހިލްޓަން އިން ރިސޯޓުގެ މެނޭޖްމަންޓް ފީ ނަގަމުން ދިޔަ،" ބަޔާނުގައި ބުނެފައިވެ އެވެ.
ސަންގެ ބަޔާނުގައި ބުނެފައިވާ ގޮތުން ހިލްޓަންއާއެކު ހަދާފައިވާ އެގްރީމެންޓް ބާތިލް ކުރަން މަޖުބޫރިވީ ހިލްޓަންއިން ރިސޯޓު ހިންގަމުން ދިޔަގޮތުން ސަން އަށް ގެއްލުން ވަމުން ދިއުމާއި، މެނޭޖްމަންޓް އެގްރީމެންޓާ ޚިލާފަށް ހިލްޓަން އިން ކުރަމުން ދިޔަ ކަންތައްތައް ހިލްޓަންގެ ސަމާލުކަމަށް ގެނައުމުން ވެސް އިސްލާޙް ކޮށްފައި ނުވާތީ އެވެ.
"ހިލްޓަންގެ މަކަރާއި، ހީލަތާއި، އޮޅުވާލުމުގެ ސަބަބުން އޭރު ސަން އޮތީ އާންމު ބަހުރުވައިން ދަންނަވާ ނަމަ ބޭންކްރަޕްޓްވެފައި. އާބިޓްރޭޝަންގެ ނިންމުމާއެކު، މީޑިއާއާއި ހިލްޓަންގެ ނުފޫޒުގެ ބޭނުންކޮށްގެން، އަދި އެކިއެކި ލޮބީ ގްރޫޕްތައް މެދުވެރިކޮށް ހިލްޓަންއިން ސަން އާމެދު ނުރަނގަޅު ތަސައްވުރެއް ފެތުރި. އެގޮތުން މީޑިއާގެ އެކި ޚަބަރުތަކުން ގިނަބަޔަކަށް ދޭހަވެފައި އޮތީ، ހިލްޓަންއިން އިންވެސްޓްކޮށް ރިސޯޓް ތަރައްގީ ކުރުމުން ސަންއިން ހިލްޓަން އެ ރިސޯޓުން ބޭރުކޮށް އިންވެސްޓަރަށް މަކަރު ހެދީ ކަމަށް. އެހެން ނަމަވެސް، ކަންވީ އެއާ ޚިލާފަށް،" ސަން އިން ބުންޏެވެ.
"ހަގީގަތަކީ ސައްތައިން ސައްތަ ސަން އިން ޚަރަދުކޮށް، ހިލްޓަން އިން އުންމީދުކޮށްގެން ތިބި ވަރަށް ވުރެ ވެސް މަތީ ފެންވަރަކަށް ތަރައްގީ ކޮށްފައިވާ ރިސޯޓެއް ހިލްޓަންއިން ހިންގަން ބޭނުންވެގެން އަމިއްލައަށް އެދިގެން ޙަވާލުވެ، ރިސޯޓު ހޯދުމުގެ ގޮތުން ހިލްޓަން އިން ހާސިލުކުރާނެކަމަށް ވަޢުދުވި އަދަދުތައް ހިލްޓަންއަށް ހާސިލް ނުކުރެވުން."
ހިލްޓަންގެ ކިބައިން ރިސޯޓުގެ މެނޭޖްމަންޓް އަނބުރާ ލިބިގަތުމާއި، މެނޭޖްމަންޓް އެގްރީމަންޓް ބާތިލު ކުރުމަށް ނިންމި ނިންމުމަކީ ބޭންކްރަޕްޓްވަމުން ދިޔަ ކުންފުންޏެއް ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހުނު ކަމެއް ކަމަށް ސަން އިން ބުންޏެވެ. އެއީ ސަންގެ މަސްލަހަތު ރައްކާތެރިކޮށް، ކުންފުނީގެ ތަސައްވުރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސަން އިން އިތުރަށް ބުނީ ހިލްޓަންގެ މަކަރާއި، ހީލަތާއި، އޮޅުވާލުން، އަދި ރިސޯޓު ހިންގުމުގައިވެފައިވާ އިހުމާލުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުން އަރައިގަތުމަށް މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެކަމަށްޓަކައި ކުންފުނިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގާނޫނީ ފަރުވާތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް ވެސް ބަޔާން ނިންމާލަމުން ސަން އިން ބުންޏެވެ.
ހިލްޓަނަށް ފައިސާ ނުދިން މައްސަލާގައި އެ ކުންފުނިން ރާއްޖޭގެ ކޯޓުތަކަށް ގިނަ މައްސަލަތަކެއް ހުށަހެޅި އެވެ.