ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަތުމުގެ ހުއްދައަކަށް އެދިއްޖެ އެވެ.
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީން މިނިވަން ކުރުމުގެ ވައުދުގެ މަތީގައި ދެމި ހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
އެހެންވެ، ޔާމީންގެ ޕާޓީ، ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމުގެ ހުއްދައަކަށް އެދި ގާނޫނީ ޓީމުގެ ފަރާތުން ސިޓީ ފޮނުވާފައި ވާނެ ކަމުގައި މަލީހު ވިދާޅުވި އެވެ.
"ރައީސް ޔާމީން ޕާޓީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް އެދި ގާނޫނީ ޓީމުގެ ފަރާތުން މިއަދު ވާނީ ސިޓީ ފޮނުވާފަ. ބަހާ އަމަލާ ދިމާވޭތޯ ބަލާނީ ރައްޔިތުން," މަލީހު ވިދާޅުވި އެވެ.
ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ހާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޔާމީން 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޕީޕީއެމް ލީޑަޝިޕްގެ ބޭފުޅުންނާ ޖެހުނު މައްސަލައެއްގައި ޔާމީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމާއި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ. ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، ހައި ކޯޓުން އަދިވެސް އެ މައްސަލައިގެ ހުކުމެއް ނީއްވާތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އެކަމަކު، އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ނިންމާލައިފަ އެވެ.
ޔާމީނަށް ބޮޑެތި ލުއިތަކެއް ދީފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމަނިކުފާނަށް އިތުރު ލުޔެއް ވެސް ލިބިވަޑައިނުގަންނަވަ އެވެ.