ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރުމަށް ސަރުކާރުން ނިންމަވައިފި އެވެ.

ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓާސްކްފޯހުން އިސްކަންދަރު ކޮށީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުޑަކުދިންގެ ތެރެއިން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންނާ މެދު ފިޔަވަޅު އެޅުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރު ކަމުގައި ކަނޑައަޅާފައި އޮތް އޮތުން ކަމަށެވެ. ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ ކަމަށް ބެލެވޭ ކުދިންގެ ތެރޭގައި މިހާރު ވެސް 200 އެއްހާ ކުދިން ފާހަގަކުރެވިފައިވާއިރު އޭގެ ތެރޭގައި ގިނައީ 12 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންކަމަށާއި، ނަމަވެސް އެކުދިން ކުރާ ކުށަށް ޒިންމާ ނުކުރެވޭކަން މިނިސްޓަރު އިހުސާން ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ފުލުހުންގެ ރެކޯޑުތަކުން އަދި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ ރެކޯޑުތަކުން ދައްކާގޮތުގައި ރާއްޖޭގައި މި ވަގުތު 12 އަހަރާއި 13 އަހަރާ ދެމެދުގެ އެތައް ކުދިންނެއް މިފަދަ މާހައުލުގައި އެޓް ރިސްކުގައި އެބަތިބި. މިހާރު މިއޮތް ޤާނޫނުގައި މި ބުނާ 15 އަހަރުގައި ޒިންމާ އަދާކުރަންޖެހޭ އުމުރަކަށް މިއިން ކުއްޖަކު ނުފެތޭ. އެހެންވީމަ މި ވަގުތު މި ކުދިން ޖިނާއީ ކުށެއް ކުރި ނަމަވެސް އެ ކުށަށް ޒިންމާ ކުރެވޭނެ ގޮތަކަށް ނޫން ޤާނޫނު ބައްޓަން ކުރެވިފައިވަނީ،" މިނިސްޓަރު އިހްސާން ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުށުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ. އަދި ޤާނޫނަށް އިސްލާހު ގެނައުމަށް ބިލު ޑްރާފްޓް ކުރުމަށްފަހު ކުރިއަށް އޮތް އީދު ބަންދަށްފަހު މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައިމިވަނީ އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް ގަނާ ކުރި ވީޑިއޯއެއް އާންމުވެ، ކުއްޖާއަށް އަނިޔާކުރި ކުޑަކުދިންނަށް އަދަބު ދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދާ ވަގުތެއްގަ އެވެ.