ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޕެޓިޝަން ހުށަހެޅޭ ނިޒާމު ޒަމާނީކޮށް، އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) ހުށަހެޅޭ ގޮތަށް ހަދައި، އެ ނިޒާމުގެ ސިޔާސަތު ކަރުދާހަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

މި ނިޒާމަކީ އެ އިދާރާ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެ އެވެ.

މިއީ މިހާރު އަމަލުކުރަމުންދާ ޕެޓިޝަންގެ ނިޒާމު ޒަމާނީކޮށް އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމެއް ތައާރަފުކުރަން ރާވާ ގޮތާ ބެހޭ ސިޔާސަތު ކަރުދާހެކެވެ.

އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހަށް އެއްވެސް މީހެއްގެ ހިޔާލެއް އޮތްނަމަ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ ޕެޓިޝަލް ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރުން އޮންލައިންކޮށް ވެސް ހިޔާލު ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހުގައި ހިމެނޭ މުހިންމު މަފްހޫމްތަކާއި މި ނިޒާމު ތަރުތީބު ކުރެވިފައިވާ ގޮތް ތަފުސީލުކޮށް ދިނުމަށް މައުލޫމާތު ބައްދަލުވުންތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

އެ ގޮތުން ސަަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީތަކާއި ސިޔާސީ ޕާޓީތަކާއި ޔުނިވާސިޓީތަކާއި މަދަނީ ޖަމިއްޔާތަކަށް މައުލޫމާތު ދިނުމަށް މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އާންމުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.