ޕީޕަލްސް ނޭޝަނަލް ފްރޮންޓް ޕާޓީ (ޕީއެންއެފް) އުފެއްދުމަށް މިރޭ ޖަލްސާ ބާއްވަން ނިންމާފައިވާ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލަށް ކަރަންޓު ދޭން ސްޓެލްކޯއިން ދެކޮޅު ހެދުމުން އެކަމުގެ ހައްލު ޕީއެންއެފުން ހޯދައިފި އެވެ.
ކުރީގެ މިނިސްޓަރު އަދި ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރައްވާ އެއް ބޭފުޅެއް ކަމުގައިވާ މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ޕީއެންއެފް ޖަލްސާ ހުއްޓުވުމުގެ ގޮތުން ސްޓެލްކޯ އިން ކަރަންޓު ދީފައި ނުވާ ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ކަރަންޓު ނުދެއްވި ނަމަވެސް ޖަލްސާ ކުރިއަށް ދާނެ ކަމަށް މަލީހު ވިދާޅުވި އެވެ. އަދި ޖަލްސާ ކުރިއަށް ދާނީ ޕީއެންއެފްގެ އަމިއްލަ ކަރަންޓުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރު އެއްވެސް ތަފްސީލެއް މަލީހު ނުދެއްވައި އޭނާ ހާމަ ކުރެއްވީ ފޮޓޯއެކެވެ.
އޭގެ ކުރިން މަލީހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފްގެ ޖަލްސާ ހުއްޓުވަން ސަރުކާރުން ދަނީ މަރުފަލި ޖަހަމުން ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ ބަހެއް ހޯދުމަށް ގުޅުމުން އެ ކުންފުނީގެ އިސް އޮފިޝަލެއް އަދި މީޑިއާ އޮފިޝަލެއް ވެސް ޖަވާބެއް ނުދެއްވި އެވެ.
ރައީސް މުހައްމަދު މުއިއްގެ އެކުވެރި ހުސެއިން ފަހުމީ އަންނަނީ ސްޓެލްކޯ މެނޭޖިން ޑިރެކްޓަރު ކަން ލިބުނު ފަހުން ސޯޝަލް މީޑިއާގައި ސަރުކާރުން ކުރާ ކޮންމެ ކަމަށް ސަނާކިޔައި، ތައުރީފުކުރަމުންނެވެ. އަދި ނުފޫޒު ފޯރުވައިގެން މުވައްޒަފުންނަށް ބިރުދައްކައި، މަސައްކަތްކުރާ ޑިޕާޓްމަންޓްތަކާއި ތަންތަން ވެސް ބަދަލުކުރަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރާ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުން ހަމަކުރުމާ އެކު، އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާއަކީ އެ ޕާޓީގެ ވަގުތީ ލީޑާޝިޕާއި ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ ބެހޭ ކަންކަން ފާސްކުރުމަށް ބާއްވާ ޖަލްސާއެކެވެ. އެ ޖަލްސާ ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ވަކި އަދަދަކަށް މެމްބަރުން ހަމަވެގެންނެވެ. އެ ގޮތުން އެ ޖަލްސާގައި މަދުވެގެން 300 މެމްބަރުން ތިބެން ޖެހޭނެ އެވެ.