ހިޕްނޮތެރަޕީއަކީ ނަފްސާނީ ދުޅަހެޔޮކަމުގެ އެކިއެކި ފަރުވާ ދިނުމުގައި އެހީތެރިވެދޭ ގައިޑެޑް ރިލެކްސޭޝަން ތެރަޕީއެކެވެ. ވިހިވަނަ ގަރުނުގައި ބޭސްވެރިކަން އަމާޒުކޮށްފައި ވަނީ ހަރުދަނާ ވެކްސިނޭޝަނާއި ސާޖިކަލް ޕްރޮސީޖާތައް ތަރައްގީކުރުމަށް ކަމަށްވާއިރު، ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާ ބައްޓަންކުރެވިފައި ވަނީ ސައިކޮތެރަޕިއުޓިކް ނުވަތަ ސައިކޮފާމަކޮލޮޖިކަލް ފަރުވާތަކަށެވެ.

އެއާ ޚިލާފަށް، 21 ވަނަ ގަރުނުގައި ހިޕްނޮތެރަޕީ ފަރުވާ ދޭ މީހުންގެ ތެރޭގައި ތެރޭގައި ޕޮޕް ސައިކޮލޮޖީ ނުވަތަ ކޮމްޕްލިމެންޓްރީ މެޑިސިންގެ ތެރެއިން އުފެދުނު ތެރަޕިސްޓުންނާއި ހަރުދަނާގޮތެއްގައި ކްލިނިކަލް ޓީޗިން އެންޑް ޕްރެކްޓިސްގެ ހަމަތަކަށް ތަބާވާ ތެރަޕިސްޓުން ހިމެނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޑިކަލް ކޮމިއުނިޓީގައި ކްލިނިކަލް ހިޕްނޮސިސްގެ ބޭނުންތެރިކަން އިތުރުވެގެން ގޮސް، ބޭސްވެރިކަމުގެ ދާއިރާގައި ހިޕްނޮސިސްގެ ބޭނުން ހިފަން ފަށާފައިވެ އެވެ.

ބައެއް ފަރާތްތަކުން ދެކޭގޮތުގައި، ހިޕްނޮތެރަޕީއަކީ މުނިފޫހިފިލުވުގެ ގޮތުން ސްޓޭޖްތަކުގައި ބޭނުންކުރެވޭ ޖާދުވީ އުކުޅެވެ. އަނެއްބައި މީހުން ދެކޭގޮތުގައި ކްލައެންޓުންގެ ނަފްސުގެ ކޮންޓްރޯލްކުރުމުގެ ބާރު ހިޕްނޮތެރަޕިސްޓުންނަށް އޮވެ އެވެ. ނަމަވެސް، ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގައި މައިގަނޑު ރޯލެއް އަދާކުރާނީ ކްލައެންޓުންނެވެ. އެހެނީ، ތަމްރީން ލިބިފައިވާ ހިޕްނޮތެރަޕިސްޓެއްގެ އެހީތެރިކަމާ އެކީގައި ތެރަޕިސްޓުން މަސައްކަތް ކުރާނީ ގައިޑެއްގެ ގޮތުގައި މަގުދައްކައިދީ، ކްލައެންޓަކާ ގުޅިގެން ފަރުވާ ކުރިއަށްގެން ދިނުމަށެވެ.

މިގޮތުން، ހިޕްނޮތެރަޕީގައި ނަފްސާނީ ދުޅަހެޔޮކަމުގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް އިރުޝާދުތަކަށް ހުޅުވާލެވިފައި ހުންނަ ޓްރާންސްގެ ނަމުން ނަންދީފައިވާ ފޯކަސް އާއި ކޮންސެންޓްރޭޝަންގެ ހާލަތަށް މަގުދައްކައިދެ އެވެ. ހަމައެހެންމެ، ނަފްސާނީ ދުޅަހެޔޮ ކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ހިޕްނޮތެރަޕީ ސެޝަންތެކުގައި އިމޭޖަރީ އާއި ވިޝުއަލައިޒޭޝަން ފަދަ ޓެކްނިކްތައް ބޭނުންކޮށްގެން ކްލައެންޓުންގެ ވިސްނުމާއި އިހުސާސްތަކާއި، ބިހޭވިއާ ޕެޓާންތައް ހަރުދަނާ ގޮތެއްގައި ދެނެގަތުމުގައި އެހީތެރިވެދެ އެވެ.

ޖާނަލް އޮފް ކްލިނިކަލް ސައިކޮލޮޖީގައި ޝާއިއުކޮށްފައިވާ އިލްމީ ދިރާސާއަކުން ދައްކާ ގޮތުގައި ހިޕްނޮތެރަޕީގެ ސަބަބުން ޑިޕްރެޝަނާއި އެންޒައިޓީގެ އަލާމާތްތައް ކުޑަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދެ އެވެ. ސްޓްރެސް އާއި އެންޒައިޓީ މެނޭޖްކުރުމަށް އެހީތެރިވެދެނީ ރިލެކްސޭޝަން ޕްރޮމޯޓްކޮށް، ކޯޕިން މެކޭނިޒަމްތައް ދަސްކޮށްދީގެންނެވެ.

މީގެ އިތުރުން، ހިޕްނޮތެރަޕީގެ އެހީގައި އެކިކަހަލަ ފޯބިއާ ނުވަތަ ބިރުގަތުންތަކަށް ހައްލު ހޯދައިދިނުމާއި، ބަރުދަން މެނޭޖްކުރުމަށާއި، ތަދު މެނޭޖްކުރުމާއި، ނިދުމުގެ މައްސަލަތަކަށް ވެސް އެހީތެރިވެދެ އެވެ. ހަމަ އެއާއެކު، ހަޖަމްގެ ނިޒާމަށް ދިމާވާ މައްސަލަކަށް ފަރުވާ ދިނުމުގައި ހިޕްނޮތެރަޕީއަކީ ކާބިޔާބު ކަމާއެކު ބޭނުންކުރެވޭ ތެރަޕީ އެއްކަން އެކިއެކި ޢިލްމީ ހޯދުންތަކުން ދައްކަ އެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާއަށްޓަކައި ނުވަތަ ތިމާގެ ހާއްސަ ކަންބޮޑުވުންތަކަށް ހިޕްނޮތެރަޕީގެ އެހީތެރިކަން ބޭނުންވާނަމަ، އެކަންކަމަށް ހައްލު ހޯދުމުގެ ތަޖުރިބާ ލިބިފައިވާ ސެޓިފައިޑް ހިޕްނޮތެރަޕިސްޓެއްގެ އެހީ ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ތެރަޕިސްޓުންނާ ގުޅިގެން މަސައްކަތް ކުރުމުން އެންމެ ރަނގަޅު ނަތީޖާއެއް ނެރެވިދާނެ އެވެ.

އެޑިޓަރުގެ ނޯޓް: މި އާޓިކަލް ލިޔުއްވި އާމިނަތު ލައިލާއަކީ ސެޓިފައިޑް ކްލިނިކަލް ހިޕްނޮތެރަޕިސްޓެކެވެ.