މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭ 41 މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވީ އެކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއަށް މަޖިލިސް އިންތިހާބާ ގުޅޭ 41 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 38 މައްސަލަ މިހާތަނަށް ބަލައި ނިމިފައިވާ ކަމަށާއި ތިން މައްސަލައެއް މިހާރު ވެސް ބަލަމުންދާ ކަމަށެވެ.

ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅިފައި ވަނީ ފަސް ބާވަތެއްގެ މައްސަލަ ކަމަށާއި އޭގެ ތެރެއިން ރަޖިސްޓްރޭޝަންއާ ގުޅޭ މާއްސަލަތަކާއި ކެންޑިޑެންސީއާ ގުޅޭ މައްސަލަތައް ބަލާ ނިމިފައިވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ވޯޓުލުމުގެ ހައްގާއި ގުޅޭގޮތުން ހުށަހަޅާފައިވާ 26 މައްސަލައިގެ ތެރެއިން 25 މައްސަލަ ނިންމައި، އެއް މައްސަލަ ބަލަމުންދާ ކަމަށާއި ކެމްޕޭން ކުރުމާގުޅޭގޮތުން ހުށަހެޅިފައިވާ ފަސް މައްސަލައިގެ ތެރެއިން ހަތަރު މައްސަލަ ނިންމައި، އެއް މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. އަދި މީގެ އިތުރުން އިންތިހާބީ މުވައްޒަފުންނާއިބެހޭ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ބަލައި ނިންމާފައިވާ ކަމަށާއި އެއް މައްސަލަ މިހާރުވެސް ބަލަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް އީސީއަށް ހުށަހަޅާފައިވާއިރު، އެ ކޮމިޝަނުން ވަނީ އިންތިހާބާ ގުޅޭ މައްސަލަތައް ކޮންޕްލެއިންސް ބިއުރޯއަށް ހުށަހެޅުމަށް އެދިފަ އެވެ.