އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަން ކުރައްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އެ ކޮމިޝަނުގެ މެންބަރަކަށް މ. މުލައް، މުސްތަރީގެ ހަސަން އައްޔަން ކުރެއްވީ މިއަދު އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދެވެ. އަދި މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ.

އީސީގެ މެންބަރުކަމަށް ހަސަންގެ އައްޔަންކުރުމަށް، ނަން މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

އެ އީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވަނީ 39 މެންބަރުންގެ ވޯޓުންނެވެ.

އެ ކޮމިޝަނުގެ މެންބަރެއްގެ މަގާމު ހުސްވީ ކުރިން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ހަބީބުގެ ދައުރު މިދިޔަ މާޗު 13ގައި ހަމަވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ މުއްދަތަކީ 5 އަހަރެވެ.