މި ދުވަސްވަރަކީ އިންޑިއާގައި އެގައުމުގެ ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ފޯރި ގަދަވެފައިވާ ދުވަސްވަރަކަށް ވުމާއެކު ކެމްޕެއިންގެ ހަރަކާތްތައް ގިނަވެފައިވާ ދުވަސްވަރެކެވެ.
މިފަދަ ހަރަކާތްތަކުގައި ބޮލީވުޑްގެ ބައެއް ތަރިން ފެނިގެންދާއިރު ބައެއް ތަރިންނަކީ ސިޔާސީ ކަންކަމާ ވީހާވެސް ދުރުން އުޅޭ ތަރިންނެވެ. އޭގެ ތެރެއިން އެކަކަކީ މަޝްހޫރު އެކްޓަރު އާމިރު ޚާން އެވެ.
އާމިރު ޚާންއަކީ ސިޔާސީ ގޮތުން ހަރަކާތްތެރި ތަރިއަކަށް ނުވި ނަމަވެސް މިފަހުން އިންޑިއާގެ ވަކި ޕާޓީއަކަށް ތާއީދުކޮށް އޭނާ ވާހަކަ ދައްކާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާއަށް އާއްމުވެފަ އެވެ.
މި މައްސަލަ އާމިރުގެ ސަމާލުކަމަށް އައުމާއެކު އޭނާ ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސް މައްސަލަ ހުށައަޅާފަ އެވެ. އާމިރު ހުށައެޅި މައްސަލައިގައި ބުނެފައިވަނީ އެފަދަ އެއްވެސް ވީޑިއޯއެއްގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށެވެ.
35 އަހަރުގެ ދިގު ކެރިއަރުގައި ދުވަހަކު ވެސް އާމިރު ސިޔާސީ ޕާޓީއެއް ތަމްސީލް ކޮށްފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް އިންތިހާބުތަކާ ބެހޭގޮތުން އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން އިލެކްޝަން ކޮމިޝަނާއެކު މަސައްކަތް ކޮށްފައި ވާނެ ކަމަށް އާމިރުގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު "ލާލް ސިންގް ޗައްދާ"އަށްފަހު އާމިރު މިހާރު އަންނަނީ "ސިތާރޭ ޒަމީން ޕަރް"ގެ މަސައްކަތް ކުރަމުންނެވެ.