އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފަދަ ބަލިތަކަކީ އަހަރުމެންގެ މުޖުތަމައުގައި އާއްމު ބަލިތަކެކެވެ. މޫސުމީ ގޮތުން އިތުރުވާ މި ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި އަހަރުމެންގެ ދިރިއުޅުމުގެ އާދަތައް ރަނގަޅު ކުރުމަކީ މުހިއްމު ކަމެކެވެ.

ގިނަ ގިނައިން އަތް ދޮވުން

އަތް ދޮވުމަކީ ސާފުތާހިރު ވުމުގެ ގޮތުން ކުރެވޭނެ ކަމެކެވެ. ކެއުމުގެ ކުރިންނާއި، ކެއްކުމުގެ ކުރިންނާއި، ފާހަނާ ކުރުމަށްފަހު އާއި ކުނީގައި އަތް ލުމަށް ފަހު ވެސް އަތް ދޮންނާށެވެ. އެހެން މީހުން ގިނަ ގިނައިން އަތްލައި ހަދާ އެއްޗެއްގައި ތިބާގެ އަތް ޖެހިއްޖެ ނަމަ ލަސް ނުކޮށް އަތް ދޮވުމަކީ ރަނގަޅު ގޮތެކެވެ.

ގަވާއިދުން ބޭސް ކެއުން

އެއްވެސް ކަހަލަ ދާއިމީ ބައްޔަކަށް ފަރުވާ ކުރާ ނަމަ، ޑޮކްޓަރު ދީފައި ހުންނަ ބޭސް އޭގެ ގަޑިން ގަޑިއަށް ކާން ޖެހޭނެ އެވެ. ވެކްސިން ޖަހަން ޖެހޭ ނަމަ އެ ވެކްސިން ވެސް ލަސް ނުކޮށް ޖަހަން ޖެހޭނެ އެވެ. ބަލިތަކުން ރައްކާތެރިވުމަށް ކުރަން ޖެހޭ ކަންކަމުގެ މަޢުލޫމާތު ޑޮކްޓަރުންނާއި ސިއްހީ މާހިރުންގެ ކިބައިން އޮޅުން ފިލުވާށެވެ.

ނޭފަތުން ނޭވާލުން

އިންސާނަކަށް ނޭވާ ލުމަށް ދެ ގޮތެއްވެ އެވެ. އެއީ ނޭފަތުން ނޭވާލުމާއި އަނގައިން ނޭވާ ލުމެވެ. ނޭފަތުން ނޭވާލުމަކީ ރައްކާތެރި ގޮތެވެ. ނޭފަތުގެ އެތެރޭގައި ހުންނަ ކުދިކުދި އިސްތަށިތަކަކީ "ފިލްޓާ"އެއްގެ ރޯލު ކުޅޭ އެއްޗެއްސެވެ. އެ އެއްޗެއްސަކީ، ވައިގެ ތެރޭގައި ހުންނަ ޖަރާސީމުތައް ހިފަހައްޓައި، ތިބާގެ ހަށިގަނޑުގެ އެތެރެއަށް ވަނުމަށް ހުރަސް އަޅާ އައްޑަނަ އެވެ. އަނގައިން ނޭވާލާ ނަމަ، އެ ފިލްޓާ ނެތި ނޭވާ ލެވޭނީ ޖަރާސީމާ އެކު ހުންނަ ވައެވެ.

އާއްމުކޮށް އަންނައުނު ދޮވުން

ތިބާ ލާން ގެންގުޅޭ އަންނައުނުތައް ނުދޮވެ މާ ގިނަ ދުވަހު ލުމަކީ އަދި ދާކޮށްފައި ގިނަ ދުވަހު ބެހެއްޓުމަކީ އޭގައި ޖަރާސީމު އާލާވާން ދެވޭ ފުރުސަތެކެވެ. އެހެން ކަމުން މާ ގިނަ ދުވަސް ނުކޮށް ގަވާއިދުން އަންނައުނު ދޮވުމަކީ ދުޅަހެޔޮ ސިއްހަތަކަށް ކުރެވޭ މުހިއްމު ކަމެކެވެ.