ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 2.6 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ- ބިލްތަކުގެ ތެރޭގައި 27 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 620 މިލިއަން ރުފިޔާގެ ޓީ- ބިލަކާއި 97 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 693 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.

މީގެ އިތުރުން 181 ދުވަހުން އަނބުރާ ދެއްކުމަށް އެއް ބިލިއަން ރުފިޔާގެ ޓީ- ބިލަކާއި 363 ދުވަހުން އަނބުރާ ދެއްކުމަށް 300 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފަ އެވެ.

އެ ޓީ- ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީ- ބިލް ގަނެ އެވެ.

ޓީ- ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.