އަންނަ މަހު ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހަށް 93 މެމްބަރުން އިންތިހާބުކުރާ ވޯޓުލުން ފެށިތާ އެއްގަޑިއިރުގެ ތެރޭގައި 8 ޕަސެންޓް މީހުން ވޯޓު ލައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ހެނދުނު 9:00 އާ ހަމަޔަށް ވޯޓުލީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 24،703 މީހުން ކަމަށެވެ. އެއީ ފިރިހެން 16،900 އާއި އަންހެން 7،803 މީހުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލާން ފަށާފައި ވަނީ 8:00 ގަ އެވެ. އަދި ވޯޓުލުން ކުރިޔަށް ގެންދާނީ ހަވީރު 5:30 އާ ހަމަޔަށެވެ.
މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާއީ ރަށްތައް އަދި ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި ވޮޓު ފޮށި ބަހައްޓާފައިވެ އެވެ.
މިފަހަރުގެ އިންތިޚާބުގައި ރާއްޖޭގެ 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.
މިއީ ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނަ ދާއިރާ ކަނޑައަޅާފައިވާ ފަހަރެވެ. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ހިމެނެނީ 87 ދާއިރާ އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވުރެ 6 ދާއިރާ އިތުރެވެ.