ވޭތުވެދިޔަ 15 އަހަރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި އީވާ އަބްދުﷲ އާއި އަލީ އާޒިމް އަދި އިމްތިޔާޒް ފަހުމީ (އިންތި) އަށް މި ފަހަރުގެ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ދެހާސް ނުވަ ވަނަ އަހަރުގެ އިންތިޚާބުގައި މި ތިން ބޭފުޅުން މަޖިލީހަށް ނުކުންނެވީ އެމްޑީޕީގެ ޒުވާން ސިޔާސީ ބޭފުޅުންގެ ގޮތުގަ އެވެ. އޭރު މާލެ އިން އެމްޑީޕީ އަށް އޮތް ބޮޑު ތާއީދާ އެކު ގަލޮޅު އުތުރަށް އީވާ، މެދު ހެންވޭރަށް އާޒިމް އަދި މާފަންނު އުތުރަށް އިންތި ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން އިންތިޚާބު ކުރި އެވެ. އަދި ޖެހިގެން އައި 2014 އަދި 2019 ވަނަ އަހަރު ވެސް މި ބޭފުޅުން މަޖިލީހަށް އިންތިޚާބު ކުރީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ނަމަވެސް މިދިޔަ އަހަރު ތެރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު ޖެހުނު ސިޔާސީ މައްސަލަ ގަނޑުގައި މި ތިން ބޭފުޅުން ވެސް ފޫކަހާފައި އެމްޑީޕީ ދޫކުރައްވައި ނަޝީދު އަލަށް އުފެއްދެވި ޑިމޮކްރެޓިކްސްއާ ގުޅިވަޑައިގެންނެވި އެވެ. ވިހި ވަނަ މަޖިލީހަށް ތިން ބޭފުޅުން ވެސް ނުކުންނެވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންގެ ގޮތުގަ އެވެ.
ގަލޮޅު އުތުރުން އީވާ ބަލިކޮށް މި ފަހަރު ގޮނޑި ނެގީ ކުރިން އީވާގެ ކެމްޕޭނުގައި ވެސް އުޅުއްވި އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މެދު ހެންވޭރުގެ ގޮނޑި ނެގީ ޕީއެންސީގެ ކެންޑިޑޭޓެވެ. އިންތިގެ މާފަންނު އުތުރުގެ ގޮނޑި ހޯއްދެވީ އެމްއެންޕީން ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. އޭނާ އަށް ސަރުކާރުން ވަނީ ތާއީދުކޮށްފަ އެވެ.
މި ފަހަރުގެ އިންތިޚާބުގައި ޑިމޮކްރެޓްސް އިން ވާދަކުރި 39 ދާއިރާގެ ތެރޭން އެންމެ ގޮނޑިއެއް ވެސް ނުލިބެ އެވެ.
ޤައުމު ފަސާދައިގެ އަނދަވަޅަށް ވައްޓާ ޖެއްސުންކޮށް އަމިއްލަ ވިޔާފާރި އާއި އަންބޮނޑި ބޮޑުކޮށް އަމިއްލަ އިމްތިޔާޒުތައް އިންތިހާއަށް ބޮޑުކުރުން ފިޔަވާ ތިޔަ ވެރިން ކުރިކަމެއް ނެތް. ހަތް ހަރާމުން ޙަރާމް. ވަރަށް ސާފުކޮށް މިބުނީ.