ނިމިގެން ދިޔަ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ދަށް ނަތީޖާއެއް ލިބުނު ކެންޑިޑޭޓަކީ ވ. ކެޔޮދޫ ދާއިރާ އަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރި އާދަމް އަބްދުލް ލަތީފް (ލައްޗޭ) އަށް ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.

ރާއްޖެ އަށް ފުޓުބޯޅަ އިން ރީތި ނަން ހޯދައިދީފައިވާ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ވާދަކުރި ކެޔޮދޫ ދާއިރާ އިން އޭނާ އަށް ލިބިފައި ވަނީ އެންމެ ވޯޓެއް ކަމަށް މިހާތަނަށް ސާފުވި ނަތީޖާތަކުން ދައްކަ އެވެ. ހަތަރު ކެންޑިޑޭޓުން ވާދަކުރި ކެޔޮދޫ އާއި ރަކީދޫ ހިމެނޭ އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރި މުހައްމަދު ނިއުޝާދެވެ. އޭނާ އަށް 422 ވޯޓު ލިބިފައިވެ އެވެ. ދެވަނަ ހޯދީ ޕީއެންސީގެ ފަރާތުން ވާދަކުރި ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. އޭނާ އަށް ލިބުނީ 361 ވޯޓެވެ. ރައީސް ޔާމީން އަލަށް އުފެއްދި ޕީއެންއެފްގެ ފަރާތުން ކެޔޮދޫ ދާއިރާ އަށް ވާދަކުރި އައިޝަތު އަފްނާން އަލީ އަށް ލިބިފައި ވަނީ 10 ވޯޓެވެ. ކެޔޮދޫ ދާއިރާ އަށް ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 915 މީހުންނަށެވެ. އޭގެ ތެރޭން 805 މީހުން ވޯޓުލައި 794 ވޯޓު ސައްހަ ކަމުގައި ނިންމާފައިވެ އެވެ.

ކެޔޮދޫ އަށް އުފަން ލައްޗޭ އަށް އެއް ވޯޓު ލިބުމުން އެއީ އޭނާގެ ވޯޓު ކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. ނަމަވެސް އެއީ ލައްޗޭގެ ވޯޓެއް ނޫނެވެ. ލައްޗޭގެ ރަޖިސްޓްރީ އޮންނަނީ މާލޭ ދަފްތަރުގަ އެވެ. އެހެންވެ ކެޔޮދޫ ދާއިރާއަކަށް ލައްޗޭ އަކަށް ވޯޓެއް ނުލެވެ އެވެ. އޭނާގެ ގާތް ތިމާގެ މީހުންނާއި ރައްޓެހިން ވެސް އެ ދާއިރާގައި ތިބޭނެތީ އެއް ވޯޓު ލިބުނު ގޮތަކާ މެދު ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިދާނެ އެވެ.

ލައްޗޭ ޓީމަކަށް ކޯޗުކޮށްދެނީ

ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ލައްޗޭ ވަނީ ބައެއް ޓީމުތަކަށް ކޯޗު ވެސް ކޮށްދީފަ އެވެ. ފުޓުބޯޅައިގައި ވެލެންސިއާ އަދި ނިއު ރޭޑިއަންޓުގެ ފޯވަޑްލައިންގައި ވިދާލި ލައްޗޭ ވަނީ ދިވެހި ގައުމީ ޓީމަށް ވެސް އެތައް ކާމިޔާބެއް ހޯދައިދީފަ އެވެ. ނަތީޖާއެއްގެ ގޮތުން އޭނާ އަށް ވަނީ ހަވީރުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިއާ އަށް ދޭ ރަން ބޫޓު ހޯދައިފަ އެވެ. ލައްޗޭ އެންމެ ފުރަތަމަ ވެލެންސިއާއާ ގުޅުނީ އަމީރު އަހުމަދު ސްކޫލް ދަރިވަރެއްގެ ގޮތުގައި ކުޅެމުންނެވެ.

ކުޅިވަރުގައި ކާމިޔާބު ނަމަވެސް ސިޔާސީ ދާއިރާގައި ލައްޗޭ އަށް މިވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

މި އިންތިޚާބުގައި އެންމެ ދަށް ނަތީޖާ ލިބުނު ކެންޑިޑޭޓުން

  1. އާދަމް އަބްދުއްލަތީފް (ލައްޗޭ) - ކެޔޮދޫ ދާއިރާ (ޑިމޮކްރެޓްސް) - 1 ވޯޓު
  2. އަހުމަދު އިބްރާހިމް - ކުޑަހުވަދޫ ދާއިރާ (އަމިއްލަ) - 2 ވޯޓު
  3. އަމްޖަދު މުސްތަފާ - އުނގޫފާރު ދާއިރާ (އަމިއްލަ) - 2 ވޯޓު
  4. ހިޝާމް އަހުމަދު - އައްޑޫ މީދޫ ދާއިރާ (އަމިއްލަ) - 4 ވޯޓު
  5. އާމިނަތު ޝާކިރާ - ފޮނަދޫ ދާއިރާ (އަމިއްލަ) - 4 ވޯޓު
  6. ފާތިމަތި ޒިލްމާ - ތިމަރަފުށި ދާއިރާ (ޑިމޮކްރެޓްސް) - 4 ވޯޓު
  7. މުހައްމަދު ޔޫސުފް (މާޔާ) - ކުރެންދޫ ދާއިރާ (އެންއެމްޕީ) 4 ވޯޓު
  8. އަހުމަދު ތަހުލީމް - ތުޅާދޫ ދާއިރާ (އަމިއްލަ) - 4 ވޯޓު
  9. އަބްދުﷲ ޖާމިއު - މަޑުއްވަރީ ދާއިރާ (އަމިއްލަ) - 4 ވޯޓު
  10. ހަސަން ފައިހަތު ގުދުރަތުﷲ - ތިނަދޫ ދެކުނު ދާއިރާ (އަމިއްލަ) - 5 ވޯޓު